ސްރީލަންކާގެ އާ ރައީސަކު ހޮވުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ކުރިއަށް ގެންދާ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ކަމުގައި ވީ ނަމަވެސް، ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމުގެ މައި އިދިކޮޅު ސިޔާސީ ލީޑަރު ސަޖީތު ޕްރޭމަދާސަ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ކިބައިން އެދިވަޑައިގެންފިއެވެ.

ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި މެސެޖެއްގައި ސަޖީތު ޕްރޭމަދާސަ ވިދާޅުވީ، މަޖިލީހުގައި ނަގާ ވޯޓަށްފަހު ސްރީލަންކާގެ ރައީސް ކަމުގެ މަގާމަށް ކޮންމެ ބޭފުޅަކު އައްޔަން ކުރެއްވުނު ކަމުގައި ވީ ނަމަވެސް، އެއަށް ބެލުމެއް ނެތި، ސްރީލަންކާ ވެއްޓިފައި އޮތް ފުން ވަޅުގަނޑުން ނަގައި ދިނުމަށް އިންޑިއާގެ ސަރުކާރާއި ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ސްރީލަންކާގެ ތާރީހު ނުދެކޭ ވަރުގެ ހީނަރު ކަމުގެ ފުން އަނދަވަޅަކަށް ގައުމު ވެއްޓިފައި ވަނިކޮށް، އެންމެ ގާތުން އެހީ ފޯރުކޮށްދިން އެއް ގައުމަކީ އިންޑިއާއެވެ. ނަމަވެސް ސްރީލަންކާގެ މަގުތަކުން ފެނިގެން ދިޔަ މުޒާހަރާތަކުގެ ބައިވެރިން ވަނީ، ސްރީލަންކާގެ ކަންކަމާ އިންޑިއާއިން ނުބެހުމަށާ، ސްރީލަންކާއަކީ ވަކި ގައުމެއް ކަމަށާ، އެއީ އިންޑިއާގެ ސްޓޭޓެއް ނޫން ކަމަށް ބުނެ އިންޑިއާއަށް ވަރުގަދަ މެސެޖުތަކެއް ދީފައި ކަން ފާހަގަ ކުރަން ޖެހެއެވެ.

އިގުތިސޯދީ ކާރިސާގެ ފެށުމާއެކުގައި ހެން ސްރީލަންކާއިން ވަނީ އިންޑިއާގެ އެހީއަށް އެދިފައެވެ. އިންޑިއާއިން ވަނީ އެހީ ފޯރުވެސްކޮށްދީފައެވެ. ސަރަހައްދީ ނުފޫޒު ގަދަ ކުރަމުން އަންނަ ޗައިނާގެ މައްޗަށް ގަދަ ކުރުމުގެ ގޮތުން ކަމުގައި ވީ ނަމަވެސް، އިންޑިއާއިން ވަނީ ސްރީލަންކާއަށް އެންމެ ބޭނުން ޖެހުނު ވަގުތު އެހީތެރިކަން ފޯރުކޮށްދީފައެވެ. ސަޖީތު ޕްރޭމަދާސަވެސް ވަނީ އެކަން ފާހަގަ ކުރައްވާފައެވެ.

ވިޔަފާރީގެ މައިދާނަށް ބަލާއިރު ލަންކާއާއި އިންޑިއާއަކީ ބަދަހި ގުޅުމެއް އޮތް 2 ގައުމެވެ. ސަގާފީ ގޮތުންވެސް ދެ ގައުމުގެ ގުޅުން ބަދައްސެވެ.

ކަން މިހެން އޮތް ނަމަވެސް ސްރީލަންކާއިން އިންޑިއާއަށް ދަރާފައި ވާ ދަރަނީގެ މަތިން ހަނދާން ނައްތާލެވޭކަށް ނެތެވެ. ސްރީލަންކާ އަދުގެ ހާލަތަށް ވެއްޓުނީ ޗައިނާގެ ދަރަނި ދަންތުރާގައި ޖެހިގެން ކަމަށް ބުނާ އިރު، އިންޑިއާއިންވެސް ދަނީ ކްރެޑިޓާއި ކަރަންސީ ސުވަޕްގެ ނަމުގައި ސްރީލަންކާއާ މާލީ މުއާމަލާތު ކުރަމުންނެވެ. އޭގެ އަގު 3.5 ބިލިއަން ޑޮލަރަށް އަރައެވެ.

ސްރީލަންކާގައި ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެންމެ ފަހުގެ ތައްޔާރީތައް ވެފައި ވަނިކޮށް، މައި އިދިކޮޅު ސިޔާސީ ލީޑަރު ސަޖީތު ޕްރޭމަދާސަ ވަނީ ކެންޑިޑަސީ ދޫކޮށްލައްވާފައެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ވޯޓުލުން ކުރިއަށް ގެންދިއުމަށް ތައްޔާރު ވެފައި ވާ އިރު 3 ކެންޑިޑޭޓެއްގެ ނަން ވަނީ ފައިނަލް ކޮށްފައެވެ.

ސަމާގީ ޖަނާ ބާލަވެގަޔާ (އެސްޖޭބީ)އާއި އެ ޕާޓީގެ އިއްތިހާދީ ޕާޓީތަކާއި އިދިކޮޅު ޕާޓްނަރުން ދެން މަސައްކަތް ކުރާނީ، އެމްޕީ އަލަހަޕެއްރުމާއަށް ތާއީދު ހޯއްދަވާ ރައީސްކަން ކަށަވަރު ކޮށްދެއްވުމަށް ކަމަށްވެސް ސަޖީތު ވަނީ ވިދާޅުވެފައެވެ. ވަގުތީ ރައީސް ރަނީލް ވިކްރަމަސިންހަވެސް މިއަދުގެ ވޯޓުގައި ވާދަ ކުރައްވައެވެ.