އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ބޭއްވި "އިންޑިއާ އައުޓް" އެއްވުމުގެ ތެރެއިން 11 މީހަކު ހައްޔަރު ކުރިއެވެ.

ފުލުހުން ބުނީ މިއަދު ޕީޕީއެމްއިން ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވުމުގެ ތެރެއިން ހައްޔަރުކުރި 11 މީހުންގެ ތެރޭގައި ހިމެނެނީ 9 އަންހެނުންނާއި 2 ފިރިހެންނުން ކަމަށެވެ.

އެ 11 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރި މުޒާހަރާތަކުގެ ތެރެއިން މިއަދު 11 ހައްޔަރު ކޮށްފައިވާ އިރު، ސިލްސިލާކޮށް ކުރިއަށް ގެންދާ މި މުޒާހަރާތަކުގައި ޕީޕީއެމުން އިންޑިއާ ސިފައިން، މިހާރުން މިހާރަށް މި ގައުމުން ބޭރު ކުރުމަށް ދަނީ ގޮވަމުންނެވެ.

ހަމައެއާއެކު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން އިންޑިއާ އެކު ހަދަމުންދާ އެއްބަސްވުންތައް ހާމަ ކުރުމަށް ވެސް ގޮވާލައި، އެ އެއްބަސްވުންތައް ބާތިލުކުރުމަށް ވެސް މި މުޒާހަރާތަކުގައި އަންނަނީ ގޮވާލަމުންނެވެ.