ރަށްރަށުގެ ކައުންސިލްތަކުގެ މައިގަނޑު އެއް ކަންބޮޑުވުމަކީ އިދާރީ ބާރުވެރިކަމާއި މާލީ ބާރުވެރިކަން އެދެވޭ ގޮތެއްގައި ނުލިބުން ކަމަށް، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ، ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭގޮތުން މެންބަރުންގެ ހިޔާލު ހޯދުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި ގަރާރު ބަލައިގެންފައެވެ. އެ ގަރާރު ބަލައިގަތުމަށް ތަޅުމުގައި ނެގި ވޯޓުގައި އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވީ ގަރާރު ބަލައިގަތުމާ ދެކޮޅަށެވެ. ގަރާރަށް ކުރި ބަހުސްގައި ވެސް އެމްޑީޕީގެ މެންބަރުން ވަނީ ގަރާރުގައި ހުރި ބައެއް ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
މިއަދު މެންދުރު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، އެ ޕާޓީގެ ފަރާތުން ރަށްރަށަށް ކުރި ދަތުރުތަކުގެ ތެރެއިން ބައެއް ކައުންސިލްތަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. ނާޒިލް ވިދާޅުވީ، ކައުންސިލްތަކުން ސަރުކާރުގައި އެދެނީ މާލީ ބާރުވެރިކަމާއި އިދާރީ ބާރުވެރިކަން އިތުރުކޮށްދީ، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގައި ކައުންސިލްތަކަށް ލުއިތައް ދިނުމަށް ކަމަށެވެ.
"އިދާރީ ބާރުވެރިކަމޭ ބުނީމަ ހަގީގަތުގަ އެ ރަށެއްގަ ހުންނަ ތަންކޮޅެއް ދުވަސްވީ ބޮޑު ގަހެއް، ނޫނިއްޔާމު އެކަހަލަ އެއް ތަނުން އަނެއް ތަނަށް ބަދަލުކޮށްލަން، އެތާ އިމާރާތެއް ކުރަން ޖެހިގެން ނޫނީ އެހެން ކަމެއް ވެގެން އެ ގަސް އެހެން ތަނަކަށް ބަދަލުކޮށްލަން ޖެހިއްޖެއްޔާ ވެސް މި ޖެހެނީ، ކައުންސިލުން މި ޖެހެނީ އީޕީއޭއަށް ލިޔެގެން އީޕީއޭއިން އެ ހުއްދަ ދިން ދުވަހަކުން ނޫނީ އެކަމެއް ކުރެވޭކަށް ނޯވޭ،" ނާޒިލް ވިދާޅުވިއެވެ.
"އެހެން ނަމަވެސް ކައުންސިލުން މި ބުނަނީ އެ ބާރުވެރިކަން ތިމަންނާމެންނަށް ދޭށޭ، ތިމަންނާމެން އެކަން ކޮށްފަ އަންގަން ޖެހޭ ފަރާތްތަކަށް އަންގާނަމޭ،"
އޭނާ ވިދާޅުވިގޮތުގައި ކައުންސިލްތަކުގައި ބަޖެޓު އޮތް ނަމަވެސް، ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުލިބެނީސް ކައުންސިލްތަކަށް ބައެއް މަސައްކަތްތައް ކުރުމަށް ދަތިވެއެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވަނީ، ކުރީގެ ކައުންސިލަރުންނާއި މިހާރުގެ ކައުންސިލަރުން ވެސް އެ ބޭފުޅުންގެ ތަޖުރިބާތައް އާންމުންނާ ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ. އަމީން ވިދާޅުވީ، މި 15 އަހަރު ދުވަހުގެތެރޭ ކައުންސިލްތަކުން ރަށްރަށުގެ އިގްތިސޯދު ޕްލޭންކުރުމުގެ މަސައްކަތް މި ފެށެނީ އަދި ކިރިޔާ ކަމަށާއި، މި މަސައްކަތް ފެށެނީ ބޭރު ގައުމުތަކަށް ކައުންސިލްތަކުން ގޮސް އިންވެސްޓްމެންޓްތައް މެދުވެރިވެގެން ކަމަށެވެ.
"ފަށާއިރުގަ ދެން އަނެއްކާ އަޅުގަނޑުމެން ކުރީގެ މި ހާލަތަށް ދިޔައީމާ އަނެއްކާ ރަށްތަކުގެ އިގްތިސޯދު މި ދަނީ އަސްލު ދަށަށް، މިއީ އަޅުގަނޑުމެން ހަމަ ހުރިހާ ކައުންސިލްގެ ތަޖުރިބާ ހުރި ހުރިހާ ބޭފުޅުން، އެ ބޭފުޅުންގެ ތަޖުރިބާ އާއި އެ ބޭފުޅުންގެ ވާހަކަތައް މުޅި ރައްޔިތުންނަށް ބުނެދޭންވީ ވަގުތު މިއީ ހަގީގަތުގަ،" އޭނާ ވިދާޅުވިއެވެ.