ރައީސް ޑރ. މުހައްމަދު މުއިއްޒު، "މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން"ގެ މެންބަރު ކަމަށް ޒަމްއަތު އަހްމަދު ވަހީދު (ގދ. ތިނަދޫ، މަލަ) އައްޔަންކުރައްވައިފިއެވެ.
ޒަމްއަތު މި މަގާމަށް އައްޔަނުކޮށްފައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅައި މަޖިލީހުގެ ރުހުން ލިބުމުންނެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރި އިންޓަވިއުއިން އެންމެ މަތިން މާކްސް (89.29) ހޯދާފައި ވަނީ ޒަމްއަތުއެވެ. އަދި ޒަމްއަތު ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރުމަށް މަޖިލީހަށް ހުށަހެޅުމުން ވޯޓުގައި ބައިވެރިވި 56 މެންބަރުން ވެސް ވޯޓު ދެއްވީ ޒަމްއަތަށް ރުހުން ދޭން ފެންނަ ކަމަށެވެ.
ޒަމްއަތު ވަނީ 2022 ވަނަ އަހަރު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން މާސްޓާ އޮފް އާޓްސް އިން ޖާނަލިޒަމް ހާސިލްކުރައްވާފައެވެ. ޒަމްއަތު މީޑިޔާ އަދި މީޑިޔާ ހިންގުމުގައި 2006 ވަނަ އަހަރުން ފެށިގެން އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އައިމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.