އަފްގާނިސްތާނުގައި ކުރި ހަނގުރާމައާ ހިންގި ހަމަނުޖެހުންތަކުގައި 2005 ވަނަ އަހަރުން ފެށިގެން އަފްގާނިސްތާނުން 28500 އަށް ވުރެ ގިނަ ކުޑަ ކުދިން ޒަހަމްވެ ނުވަތަ ފުރާނަ ގެއްލި ވާ ކަމަށާ، މިއީ ހަނގުރާމަތަކާ ހަމަނުޖެހުންތަކުގެ ޝިކާރައަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވީ ކުދިންގެ 27 ޕަސެންޓް ކުދިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކުޑަކުދިންނާ ބެހޭ އދގެ ޖަމިއްޔާ (ޔުނިސެފް) އިން އާންމު ކޮށްފައި ވާ ތަފާސް ހިސާބުތަކާ ހަވާލާދީ، ބައިނަލްއަގުވާމި މީޑިއާއިން ހަބަރު ދޭ ގޮތުގައި ފާއިތުވީ 16 އަހަރު ދުވަހަށް ބަލާއިރު، ހަނގުރާމައާއި ހަމަނުޖެހުންތަކުގައި އެންމެ ގިނަ އަދަދަކަށް ކުޑަކުދިން ޝިކާރަ ވެފައި ވަނީ އަފްގާނިސްތާނުގައެވެ.

ދާހިލީ އާބާދުތަކުގެ މެދުގައި ހިންގި ހަމަނުޖެހުންތަކާ، ކުރިމަތިލުންތަކުގެ އިތުރުން ހަތިޔާރާއެކު ކުރިއަށް ގެންދިޔަ ހަނގުރާމަތަކުގެ ސަބަބުން އެންމެ ގިނަ އަދަދެއްގެ ކުދިން ޝިކާރަވި ގައުމުތަކުގެ ތެރޭގައި އަފްގާނިސްތާނުގެ އިތުރުން ޔަމަން، ސޫރިއާ އަދި އިތިއޮޕިއާއެވެ.

ފާއިތުވީ 16 އަހަރަށް ބަލާއިރު ކުޑަކުދިންނާ ދެކޮޅަށް ވަރުގަދަ ޖަރީމާ ހިންގި ކަމުގެ 260000 ކޭހެއް ކަށަވަރު ކުރެވިފައި ވާ ކަމަށް ޔުނިސެފުން ބުނެއެވެ. މި ކޭސްތަކަކީ، އެފްރިކާ، އޭޝިއާ، މެދުއިރުމަތި އަދި ލެޓިން އެމެރިކާ ސަރަހައްދުގައި ހިންގި 30 އަށް ވުރެ ގިނަ ހަމަނުޖެހުންތަކަށް ނިސްބަތްވާ ކޭސްތަކެއް ކަމަށްވެސް ޔުނިސެފުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވެއެވެ.

2021 ވަނަ އަހަރު މިފަދައިން އަނިޔާ ލިބުނު ކުދިންގެ ކަށަވަރު މައުލޫމާތު އަދި ފުރިހަމަ ނުވާ ކަމަށާ، ނަމަވެސް 2020 ވަނަ އަހަރު، 26425 ކޭހެއް ކަށަވަރު ކުރެވިފައި ވާ ކަމަށްވެސް ޔުނިސެފުން ބުނެއެވެ.

ޔުނިސެފްފެ އެގްޒެކެޓިވް ޑައިރެކްޓާ ހެންރިއެޓާ ފޯ ވިދާޅުވީ، ކުޑަކުދިންގެ ހަގުއްތަކާ އެ ކުދިންގެ ދުޅަހެޔޮ ހެދި ބޮޑުވުމަށް، ހަނގުރާމައިގެ ބައިވެރިން ފަރުވާލެއް ދީފައި ނުވާ ކަމަށެވެ. މި ކަން ކަމުގެ ތަކުލީފު އުފުލާ، ފުރާނަ ދޫކޮށް ދަނީ ކުޑަކުދިން ކަމަށާ، އެންމެހާ ނުރައްކަލުން ކުޑަކުދިން ސަލާމަތް ކުރުމަށްޓަކާ ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށްވެސް ޔުނިސެފްގެ އިސް އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ.

ކުޑަކުދިންނަށް ސަލާމަތްތެރިކަން ކަށަވަރު ކޮށްދިނުމަށްވެސް ޔުނިސެފުން ވަނީ ހަމަނުޖެހުންތަކުގެ ބައިވެރިންނަށް ގޮވާލާފައެވެ.