އެޗްޑީސީން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މައި ހުޅުމާލެ ވޯޓާ ސްޕޯޓްސް ކޭމްޕް 2021 ނިމިއްޖެއެވެ.

އެޗްޑީސީން ބުނީ، ކުޅިވަރުތަކަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް އެ ފުރުސަތުތައް ހޯދައި ދިނުމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން މޫދު ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ހުޅުމާލެގައި "މައިހުޅުމާލެ ވޯޓާ ސްޕޯޓްސް ކޭމްޕް 2021" ވަނީ ބާއްވާފައި ކަމަށެވެ.

ސްކޫލް ކުދިންގެ މިޑް ޓާމް ބަންދާ ގުޅުވައިގެން ބޭއްވި މި ކޭމްޕަކީ ހުޅުމާލެގައި ދިރިއުޅޭ ދެ ޖިންސްގެ ކުދިންނަށް އަމާޒު ކޮށްގެން، މޫދު ކުޅިވަރެއް ކަމުގައިވާ "ސްޓޭންޑް އަޕް ޕެޑަލް ބޯޑު" ދަސްކޮށްދިނުމަށް ބޭއްވި ކޭމްޕެއް ކަމަށް އެޗްޑީސީން ބުނެއެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކޭމްޕްގެ ހަރަކާތްތައް ކުރިޔަށް ގެންދިޔައީ 13 އަހަރާއި 19 އަހަރާ ދެމެދުގެ ޖުމްލަ 63 ކުދިން ހިމަނައިގެން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި ކޭމްޕް ނިންމާލީ ބައިވެރިވި ކުދިންގެ މެދުގައި އެއް ދުވަހުގެ މުބާރާތެއް ބޭއްވުމަށް ފަހުގައި ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މި ކޭމްޕްގައި ހިމެނޭ ޕާޓްނަރުންގެ ތެރޭގައި މޫދު ކުލަބާއި، ވައިޓް ބީޗް ވޯޓާ ސްޕޯޓްސް އާއި، ބުލޫ ހޮރިޒަން އާއި ޑީޕް ބުލޫ އެކްސްޓްރީމް ވޯޓާ ސްޕޯޓްސް އާއި، ޕްރޯ އެކްސްކަާޝަންސް މޯލްޑިވްސް އާއި ޖަސްޓް ސޯލްޓް އެވެ. މީގެ އިތުރުން ރިއޯ ވޯޓާ ސްޕޯޓްސް އާއި މޯލްޑިވްސް ވޯޓާ ސްޕޯޓްސް އާއި ސީހޮލިކްސް އާއި ބީޗް ކްލަބް މޯލްޑިވްސްގެ އިތުރުން ބީޗް ބަޑީސް، މެރިން ޕޮލިސް، އެމް އާރް ސީ، ހުޅުމާލެ ޕޮލިސް އަދި ހުޅުމާލެ ހޮސްޕިޓަލް ހިމެނެއެވެ.

ކޮންމެ އަހަރަކު ވެސް ސިލްސިލާކޮށް މިފަދަ ޕްރޮގުރާމްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެެވެ. އަދި މިފަދަ ޕްރޮގުރާމްތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެޗްޑީށިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.