ތަފާތު އެކި ބޭނުންތަކަށް ހާއްސަ ކޮށްގެން ދުނިޔޭގެ އެކި މަންޒިލްތަކަށް ޑްރޯން ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް ގެންދާ ކަމަށް އިންޑިއާގެ ގަރޫޑާ އޭރޯސްޕޭސް ކުންފުނިން ހާމަ ކޮށްފިއެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމަށް ވުމަށް ފައި ވިއްދައިގެން އޮތް ޗައިނާއާ އެންމެ ގާތުން ވާދަ ކުރަމުން އަންނަ އިންޑިއާގެ ގަރޫޑާ ކުންފުނިން މިހާރުވެސް ދަނީ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، މެލޭޝިއާ އަދި ޕެނަމާއަށް ހާއްސަކޮށްގެން 8000 އެއްހާ ޑްރޯން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މި ޑްރޯންތަކަކީ ދަނޑުބިންތަކަށް ފެން ދިނުމުން ފެށިގެން، ސަރަހައްދުތައް ބަލާފާސް ކުރުމާއި ޗާޓު ކުރުހެމުގައިވެސް ބޭނުން ކުރެވޭ ފެންވަރާސް ތަރައްގީ ކުރާ ޑްރޯންތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ ބޮޑުވަޒީރު، ނަރޭންދްރާ މޯދީގެ ހާއްސަ ޕްލޭނެއްގެ ދަށުން އެ ގައުމުގައި ހިންގާ ޗާޓު ކުރެހުމުގެ ބޮޑު މަޝްރޫއުގައިވެސް ގަރޫޑާ ކުންފުނީގެ ޑްރޯންތައް ބޭނުން ކުރެއެވެ. މި މަޝްރޫއަކީ ބިމުގެ މިލްކުވެރިކަމުގެ ޑިޖިޓަލް ރެކޯޑެއް އެކުލަވާލުމަށް ހިންގާ މަޝްރޫއެއް ކަމަށް ބުނެވެއެވެ. ގަރޫޑާ ކުންފުނިން ބުނާ ގޮތުގައި، މިއިން އެންމެ ޑްރޯންއަކުން، 1 ދުވަހުގެ ތެރޭގައި 5 އަވަށުގެ ޗާޓު ކުރަހާލެވެއެވެ.

އާ ކާރުހާނާތަކެއް ހުޅުވައިގެން ޑްރޯން އުފެއްދުމުގެ މަސައްކަތް މެކުހަށް ޖަހާފައި ވާ ގަރޫޑާ ކުންފުނިން އަމާޒު ހިފާފައި ވަނީ މާޗް 2022 ގެ ނިޔަލަށް، ބޭރުގެ ކަސްޓަމަރުންނަށް 8000 ޑްރޯން ފޯރުކޮށްދިނުމަށެވެ.

ގަރޫޑާ ކުންފުނިން ބުނާ ގޮތުގައި ދަނޑުބިންތަކަށް ހާއްސަ ޑްރޯންތައް އުފެއްދުމުން، އެ ޑްރޯންތައް ބޭނުން ކުރާ ގައުމުތަކުން އެ ކުންފުންޏަށް ބިން ދޭން ޖެހެއެވެ. އެ ބިމަކީ، ޑްރޯންގެ ކަންކަން ބެލެހެއްޓުމަށް ގާއިމު ކުރަންޖެހޭ ހާއްސަ ފެސިލިޓީއެއް އެޅުމަށް ބޭނުން ކުރާނެ ބިމެއް ކަމަށްވެސް ގަރޫޑާ ކުންފުނިން ބުނެއެވެ. މި ޑްރޯންތައް ބެލެހެއްޓުމަށް ހާއްސަ ޓީމެއްވެސް ގަރޫޑާ ކުންފުނިން، އެ ގައުމުތަކަށް ފޮނުވާ ކަމަށް މައުލޫމާތު ލިބެއެވެ.