މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.

އެގޮތުން މި ލިޔުމުގައި ކިޔުންތެރިންނަށް މި ގެނެސްދެނީ އިތުރު ތައާރަފަކަށް ބޭނުން ނުވާ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ނިސްބަތްވާ ސިޓީއެއް ކަމަށްވާ ދުބާއީއަށެވެ. މިއީ ގިނަ އަދަދެއްގެ ދިވެހިންވެސް މިހާރަކަށް އައިސް ޒިޔާރަތް ކުރާ މަންޒިލަކަށްވާއިރު މިއީ ޒަމާނާ އެއްވަރަށް ތަރައްގީވެފައިވާ ސިޓީތަކުގެ ތެރެއިން ނަން ހިނގާ އެއް ސިޓީއެވެ. ރާއްޖެއާއި 3،100 އެއްހާ ކިލޯމީޓަރު ދުރުގައި އޮންނަ މި ސިޓީއަކީ ދުނިޔޭގެ ގިނަ މަހުޖަނުން އުޅެމުންދާ ވިޔަފާރީގެ މައި ހަބެއްވެސް މެއެވެ. ރިއަލް ސްޓޭޓް ކުރިއަރަމުން އަންނަ މި ސިޓީގައި ހުސްވި 2024 ވަނަ އަހަރު އެކަނި ވެސް 761 ބިލިއަން ޑޮލަރުގެ މުއާމަލާތްތައް ކޮށްފައިވެއެވެ.

ދުބާއީގެ ހިތްގައިމު މަގެއް، މިއީ ތަފާތު އެކި ގައުމުގެ މީހުން ދިރިއުޅެމުންދާ ކުރި އަރަމުން އަންނަ ސިޓީއެއް

ރާއްޖެއިން ދުބާއީއަށް ޑައިރެކްޓް ފްލައިޓްތަކުގެ އިތުރުން ލޭ އޯވާ [ޓްރާންސިޓް] ފްލައިޓްތައް ވެސް ދަތުރު ކުރެއެވެ. ޑައިރެކްޓް ފްލައިޓަކުން ދަރުތުކުރާނަމަ 4 ގަޑީރާ 20 ވަރަކަށް މިނެޓުން ދެވުނު ނަމަވެސް ޓްރާންސިޓް ކުރާ ނަމަ ދަތުރު ކުރަންޖެހޭ ގަޑިއިރަށް ތަފާތު އަންނާނެއެވެ. ޑައިރެކްޓް ފްލައިޓަކުން ދަތުރު ކުރާނަމަ ޓިކެޓުގެ އަގު އުޅެނީ 500-600 ޑޮލަރާއި ދެމެދުގައެވެ. ނަމަވެސް އަގުހެޔޮ ގޮތަކަށް ބަލާނަމަ އެންމެ ޖީބަށް ލުއިވާނީ ޓްރާންސިޓް ކޮށް ދަތުރު ކުރުމުންނެވެ. ފައިސާގެ ގޮތުގައި އެ ގައުމުގެ މީހުން ބޭނުން ކުރަނީ ދިރްހަމް އެވެ. ދެން މި ގެނެސްދެނީ އެ ސިޓީގައި ޒިޔާރަތްކޮށްލަން ރަނގަޅު މަންޒިލްތަކުގެ ތަފްސީލަށެވެ.

ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށް ރެކޯޑު ކުރެވިފައިވާ ބުރްޖް ހަލީފާ:

އުސްމިނުގައި 829.8 މީޓަރު ހުންނަ މި އިމާރާތަކީ ދުނިޔޭގެ އެންމެ އުސް އިމާރާތެވެ. މި ހާއްސަ ބިލްޑިންގް އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައި ވަނީ 2004 ވަނަ އަހަރުއެވެ. ހުރިހާ މަސައްކަތްތަކެއް ނިންމާ އިމާރާތް ރަސްމީކޮށް ހުޅުވާފައި ވަނީ 2010 ވަނަ އަހަރުއެވެ. މި އިމާރާތަށް ނަން ދީފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ކުރީގެ ރައީސް ޝެއިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާންގެ ނަމުންނެވެ.

މި އިމާރާތުގެ އެންމެ ރީތި މަންޒަރު ފެންނާނީ 163 ވަނަ ފްލޯގެ މައްޗަށް އަރާލުމުން ފެންނަ ހިތްގައިމު މަންޒަރެވެ. އަދި ހަމަ އެހެންމެ 122 ވަނަ ފްލޯގައި ހިމެނޭ ރެސްޓޯރެންޓުގައި ކެއުމަށް އިންސާފު ކުރަމުންދާއިރު ފެންނަ މަންޒަރަކީ ވެސް ހިތަށް ފިނިކަން ލިއްބައިދޭ މަންޒަރެކެވެ. މީގެ އިތުރުން ވެސް އެ އިމާރާތުގައި ފައުންޓެންއަކާއި ޝޮޕިންގް މޯލްތައް ހިމަނާފައި ވެއެވެ.

ބުރްޖް ހަލީފާގެ އެތެރޭގައި ހުރެ ބޭރު ބަލާލުމުން ފެންނަ ހިތަގައިމޔ މަންޒަރު، މިއީ ދުނިޔޭގެ އެންމެ އުސް އިމާރާތް

ގުދުރަތީ ހިތްގައިމުކަމުން ފުރިގެންވާ މިރެކަލް ގާޑަން

ދުނިޔޭގެ ރެކޯޑު ފޮތުން ވެސް ޖާގަ ހޯދާފައިވާ މި ހިތްގައިމު ބަގީޗާއަށް 15 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ޒިޔާރަތް ކޮށްފައެވެ. އެކި އެކި މާމެލާމެލިން ޖަރީކޮށްފައިވާ މި ބަގީޗާއަކީ 780،000 ފޫޓުގެ ބޮޑު ބަގީޗާއެކެވެ. އަދި މިހާތަނަށް ހޯދި ހޯދުންތަކުން މި ތަނުގައި ގާތްގަނޑަކަށް 50 މިލިއަން މަލާއި 250 މިލިއަން ގެ ގަސް އެކުލެވިގެންވެއެވެ. ހަރުކަށި އެތައް ގަވާއިދުތަކާއެކު މިތަނަށް ވަދެވޭނީ ޓިކެޓު ނަގައިގެންނެވެ. 100 ދިރްހަމް އަށް ޓިކެޓުގެ އަގު އުޅޭއިރު އެކި މުނާސަބާތަކާ ދިމާކޮށް ޓިކެޓުގެ އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

މި ބަގީޗާގައި މާތަކުން ޖަރީކޮށްފައިވާ އެމިރޭޓްސްގެ މަތިންދާ ބޯޓަކާއި ފްލޯޓިންގް ލޭޑީ، ފްލޯރަލް ކާސަލް، ފްލޯރަލް ކްލޮކްސްގެ އިތުރުން އަންބްރެއްލާ ޓަނެލް ފަދަ އަޖައިބު ކުރަނިވި އެތައް މަންޒަރެއް ފެނިގެންދާއިރު މިހެން ލިޔެލާ ލިޔުމަކުން އެތަނުގެ ހިތްގައިމުކަން ބަޔާން ނުކުރެވޭނެއެވެ. އެހެން ކަމުން ދުބާއީއަށް ދާނަމަ ކޮންމެހެންވެސް މި ތަނަށް ޖައްސާލަންވާނެއެވެ.

ދުބާއީ މިރެކަލް ގާޑަން، މި ބަގީޗާގައި 50 މިލިއަން މާ އެކުލެވިގެންވޭ

ކަނޑު އަޑީގެ ރީތި މަންޒަރުތައް ދައްކުވާދޭ 'އެކުއޭރިއަމް އެންޑް އަންޑަވޯޓާ ޒޫ':

ދެ އަހަރުން ދަށުގެ ކުދިންނަށް ހިލޭ ވަދެވޭ މި އަކުއޭރިއަމް އަކީ 10،000 މިލިއަން ލީޓަރުގެ ފެން އެކުލެވޭ ބޮޑު އެކުއޭރިއަމް އެކެވެ. 2 އަހަރުން މަތީގެ މީހުންނަށް 199 ދިރްހަމްގެ ޗާޖެއް ކުރާއިރު މިއީ ދުނިޔޭގައި އެކުލެވޭ ބޮޑު އެކުއޭރިއަމްގެ ތެރެއިން އެއް އެކުއޭރިއަމް އެވެ.

ޕެންގުއިން އާއި ތަފާތު ވައްތަރު މިޔަރުގެ އިތުރުން އެކި ބާވަތުގެ މަޑިވެސް މި އެކުއޭރިއަމްގައި އެކުލެވެއެވެ. އަދި 11 މީޓަރުގެ ދިގު ޓަނެލްއަކުން ހިނގާލާފައި ދާއިރު މަތިން އެ ފެންނަ ކަނޑު އަޑީގެ ހިތްގައިމު މަންޒަރަކީ ހަޔާތުގެ އެއްފަހަރު ނަމަވެސް ބަލާލަން ރަނގަޅު މަންޒަރެއް ކަމަށް ދެކެމެވެ.

ދުބާއީ އަކުއާރިއަމް އަންޑާ ވޯޓާ ޒޫ

ވިޔަފާރި ކޮށްލުމަށް 'ދުބާއީ މޯލް':

މުޅި ދުބާއީގައި ވެސް ހިމެނޭ އެންމެ ބޮޑު ޝޮޕިންގް މޯލް ކަމަށްވާ ދުބާއީ މޯލްއަކީ ދިވެހީން ވެސް ވަރަށް ޒިޔާރަތް ކުރާ މޯލް އެކެވެ. ވިޔަފާރި ކުރުމުގެ އިތުރުން ވެސް އެކި ކަހަލައިގެ ހިދުމަތްތައް މި މޯލް އިން ލިބެން ހުރެއެވެ. އެގޮތުން ރެސްޓޯރެންޓް ތަކާއި މޫވީ ތިއޭޓަރުގެ އިތުރުން އެކި ކުޅިވަރުތައް ކުޅުމަށް ހާއްސަ ތަންތަން އެކުލެވެއެވެ.

އެހެންކަމުން އެއް ތަނަކުން މި ކަންކަން ތަޖުރިބާ ކޮށް ވިޔަފާރި ކޮށްލަން ބޭނުން ނަމަ ދުބާއީ މޯލް އަކީ އެކަމަށް އެންމެ 'ބެސްޓް ޗޮއިސް' އަށް ވާނެއެވެ.

ދުބާއީ މޯލް، ވިޔަފާރިކޮށް ފިލްމު ބަލާލަން ވެސް މިއީ ހަމަ 'ނަންބާ ވަން'

ކުދިވެރިން ގޮވައިން ތަފާތު ތަޖުރިބާއެއް ކޮށްލަން 'އަކުއާވެންޗާ ވޯޓާ ޕާކް':

ދުނިޔޭގެ ވެސް އެންމެ ބޮޑު ވޯޓާ ޕާކް ކަމަށްވާ އަކުއާވެންޗާ ވޯޓާ ޕާކް ގައި 105 ވޯޓާ ސްލައިޑްސް ހިމެނެއެވެ. ވޯޓާ ސްޕޯޓްސްގެ އެކި ހަރަކާތްތަކާއި ޑައިވިންގް އަދި ސްނޯކްލިންގެ އިތުރުން ކޯމަސްތަކާއެކު މަޖާ ވަގުތު ތަކެއް ހޭދަކުރުމުގެ ފުރުސަތު މި ވޯޓާ ޕާކް އިން ލިބިގެންދެއެވެ.

ދުބާއީ އަށް ގޮސް އާއިލާ އާއި ކުދިވެރިން ގޮވައިގެން މަޖާކޮށްލަން ދާނަމަ މިތަނަކީ އެކަމަށް އެންމެ އެކަށޭނެ ތަން ކަމާ މެދު ޝައްކެއް ނުކުރަމެވެ. ހެނދުނު 09:15 އިން އިރުއޮއްސި 06:00 އަށް މި ވޯޓާ ޕާކް ހުޅުވާފައި ހުންނައިރު އެކި ކަންކަން ކުރަން ބޭނުން ނަމަ ޓިކެޓުގެ އަގު ތަފާތެވެ.

އެކުވެންޗާ ވޯޓާ ޕާކަކީ އާއިލާއާއެކު ދަތުރު ކޮށްލުމަށް ހިތްގައިމު މަންޒިލެއް

އިންސާނުން އުފައްދާފައިވާ ތަފާތު ވައްތަރުގެ އީޖާދީތައް ބަލައިލުމަށް 'މިއުޒިއަމް އޮފް ދަ ފިއުޗާ':

ތަފާތު ބައްޓަމަކަށް ފަރުމާކޮށްފައިވާ 'މިއުޒިއަމް އޮފް ދަ ފިއުޗާ'ގެ އިމާރާތުގައި 7 ފްލޯއެއް އެކުލެވެއެވެ. މިއީ ، ސައިންސް، ޓެކްނޮލޮޖީ އަދި އިނޮވޭޝަންގެ އެކި ތަފާތު އީޖާދީތަކަށް ހާއްސަ ކޮށްފައިވާ އިމާރާތެކެވެ. މި އިމާރާތް ރަސްމީކޮށް ހުޅުވާފައި ވަނީ 2022 ވަނަ އަހަރު އެވެ.

މި މިއުޒިއަމް ހުޅުވުމުގެ އަމާޒަކީ ހިނގާފައިވާ އެކި ކަންކަމުގެ ފަހަތަށް ބެލުމުގެ ބަދަލުގައި ދުނިޔޭގެ ކުރިއެރުންތައް ހޯދާ ދެނެގަތުމުގެ އިތުރުން އާންމުންނަށް އެ މަސައްކަތްތައް ދައްކާލުމުގެ މަގްސަދުގައި އިމާރާތް ކުރި ބިނާއެކެވެ. މި އިމާރާތުގެ ބޭރުގައި އަރަބި ކެލިގްރަފީން ލިޔެފައި ވަނީ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ތިން ލިޔުން ކޮޅެއްގެ މައްޗަށެވެ.

މިއުޒިއަމް އޮފް ދަ ފިއުޗާ، މިއީ ސައިންސާއި ޓެކްނޮލޮޖީގެ އީޖާދީތަކުން މުއްސަނދިވެފައިވާ އިމާރާތެއް

އެޑްވެންޗަރަސް ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުން ނަމަ ޑެޒާޓް ސަފާރީ

ހަނަފަސް ސަހަރާއެއްގައި ތަޖުރިބާ ކޮށްލެވޭނެ ތަފާތު އެކި ވައްތަރުގެ އުޅަނދުތަކާއި ޖަމަލު ދުއްވުން ފަދަ ކަންކަން މިތަނުން ކޮށްލެވޭނެއެވެ. މީގެ އިތުރުން އަރަބި ގައުމުތަކުގެ ތަފާތު އެކި ޝޯޓައް ދައްދުވާދޭ ހަފްލާަތއް ވެސް މިތަނުގައި ކުރިއަށް ގެންދެއެވެ.

މިތަނުގައި ވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ ސަހަރާގައި ދުއްވާ ކާރުތައް ދުއްވުމެވެ. މިއީ ތަޖުރިބާ ކޮށްލަން މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް ކަމުން ގިނަ ބަޔަކު މިކަންކަން ތަޖުރިބާ ކޮށްލުމަށް ގޮސް އުޅެއެވެ.

ޑެޒާޓް ސަފާރީއަކީ ހަނަފަސް ސަހަރާގެ އެކި ކަންކަން ތަޖުރިބާ ކޮށްލުމަށް ރަނގަޅު ފުރުސަތެއް

މީގެ އިތުރުން ވެސް ދުބާއީ އަކީ ޗުއްޓީ ހޭދަ ކުރުމަށް އާއިލާއާއެކު ގޮސްލަން ރަނގަޅު މަންޒިލެކެވެ. ކުރިއަރާފައިވާ އެތައް ކަމެއް ދުބާއީއިން ފެންނަން ހުންނަ އިރު މި ސިޓީއަކީ ދިރިއުޅޭ އެންމެންގެ ރައްކަލަށް ޓަކައި ވަރަށް ގިނަ ކަންކަން މަނާ ވެސް ކޮށްފައިވާ ސިޓީއެއް މެއެވެ.

އެގޮތުން އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އިތުރުން މަގުމައްޗަށް ކުނި އެޅުން ފަދަ ކަންކަމަކީ އެ ސިޓީގައި ކުރުން މުޅިން މަނާ ކަންކަމެވެ. އަދި މިފަދަ ކަންކަން ކުރާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ބައެއް ފަހަރު ދިގު ޖަލު ހުކުމްތައް ތަންފީޒު ކުރަންޖެހޭ ފަހަރު ވެސް ދެއެވެ. އެހެން ކަމުން ދުބާއީއަށް ދަތުރު ކުރާނަމަ މިކަން ކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.