ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހއ. އަތޮޅަށް ގެސްޓްހައުސް ފައިނޭންސިން ތައާރަފު ކޮށްފިއެވެ.

ހއ. އަތޮޅުގައި ގެސްޓްހައުސް ފައިނޭންސިން ތައާރަފްކުރީ އިއްޔެ މެންދުރު ފިއްލަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް އެންޑް އެންވާރަމެންޓް މިނިސްޓާ، އިކޮނޮމިކް މިނިސްޓާގެ އިތުރުން ބޭންކުގެ ޗެއާޕާސަން އަދި ޗީފް ބިޒްނަސް އޮފިސާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދާދި ފަހުން ބީއެމްއެލް އިން ވަނީ ގެސްޓްހައުސް ފައިނޭންސިން ޕްރޮޑަކްޓު އިތުރަށް ފުރިހަމަކޮށް، ގިނަ ބަޔަކަށް ފައިނޭންސްއަށް ފަސޭހައިން ވާސިލުވެވޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން، ފައިނޭންސިންއަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތް ހަމަޖައްސާފައި ވެއެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެލްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ހއ. އަތޮޅުގައި ގެސްޓްހައުސް ފައިނޭންސިން ތައާރަފުކުރުމަކީ އިގްތިސާދީ ކުރިއެރުން އިތުރުކޮށް، ދިވެހިން ހިންގާ ވިޔަފާރިތަކަށް ބާރުވެރިކަން ހޯދައިދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ރަމްޒެއް ކަމަށެވެ.

ހއ. އަތޮޅުގައި ގެސްޓްހައުސް ފައިނޭންސިން ތައާރަފްކުރަން އިއްޔެ ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ބީއެމްއެލް
"މާލީ ހައްލުތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދީ، އަޅުގަނޑުމެންގެ މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށާއި އާ ފުރުސަތުތައް އުފެއްދުމަށާއި މި އަތޮޅުގައި ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށް ވިޔަފާރިވެރިންނަށް އެހީތެރިވުން."
ބީއެމްއެލްގެ ސީއީއީ ޝަރީފް

މީގެ އިތުރުން ވެސް އިއްޔެ ބީއެމްއެލް އިން ވަނީ އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްކޮށްފައެވެ. އަދި އެ އަތޮޅުގައި ގާއިމުކުރެވުނު އޭޓީއެމްތަކުގެ ހިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފްސާވިސް ބޭންކިން ސެންޓަރާއި، 165 އޭޓީއެމްއާއި، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.