ދިވެހި ސަރުކާރާއި، ޗައިނާއިން އާންމުކޮށްފައިވާ ދެ ސަރުކާރުގެ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމަންޓް (އެފްޓީއޭ)އާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، މިއަދު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.

މިއަދު ތާވަލުކޮށްފައިވާ ބައްދަލުވުމުގައި އޮތީ ޗައިނާ-ރާއްޖޭގެ އެފްޓީއޭއާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރު މުހައްމަދު ސައީދުގެ އިތުރުން އެ މިނިސްޓްރީގެ އިސް ބޭފުޅުންނާ މަޝްވަރާ ކުރުމެވެ.

މި ބައްދަލުވުން ފެށުމާ އެކު ރިޔާސަތުގައި އިންނެވި ކޮމިޓީގެ މުގައްރިރު، ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު ވަނީ ބައްދަލުވުން ކުރިއަށް ގެންދާނެ ގޮތާއި ގުޅޭ ގޮތުން ކޮމިޓީގެ މެންބަރުންގެ ހިޔާލަށް އެދިފައެވެ. އެގޮތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ޒަމީރު ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ. ކޮމިޓީގައި އާންމު ކުރަން ބޭނުން ނުވާ ވަރަށް ގިނަ މައުލޫމާތުތަކެއް ހިމެނޭކަމަށް ޒަމީރު ވިދާޅުވުމުން އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަލީ ހުސައިންއެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ވަނީ އެ ބައްދަލުވުން ސިއްރުނުކުރުމަށް ހުށަހަޅާފައެވެ. އަދި ހުށަހެޅުމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ތާއިދުކުރި ނަމަވެސް ކޮމިޓީ ސިއްރު ކުރަން ފާސްވީ ހަތަރު މެންބަރުންގެ ވޯޓާ އެކުގައެވެ. ކޮމިޓީ ސިއްރުކުރުނުކުރަން ވޯޓު ދެއްވީ އެމްޑީޕީ ތިން މެންބަރުންނެވެ.