ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި ޕަބްލިކް ސާވިސް ދާއިރާ އެއްކޮށް ޑިޖިޓަލައިޒް ކުރުމުގެ އަމަލީ މަސައްކަތާ ދިމާއަށް މިސްރާބު ޖަހއިފިއެވެ.

ރާއްޖޭގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒް ކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެސްޓޯނިއާގެ ރައީސް އަލާރް ކަރިސްގެ ދައުވަތަކަށް އެމަނިކުފާނު އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.

ރައީސްގެ މި ދަތުރުފުޅު ވެގެންދިޔައީ އެސްޓޯނިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބައްލަވާލައްވާ އެދާއިރާއިން އެސްޓޯނިއާއި ގުޅިގެން މަސައްކަތް ކުރުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތަކަށެވެ. އެގޮތުން ރާއްޖެއަށް އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް ސްމާޓް ޓެކްނޮލޮޖީސް އާއި ސައިބަ ސެކިއުރިޓީގެ ދާއިރާތަކުން އެއްބާރުލުން ދިނުމާ ބެހޭ ހާއްސަ އެއްބަސްވުމެއް ދެ ގައުމުު ދޭތެރޭގައި އެކުލަވާލާފައި ވެއެވެ.

އެއާއެކު ރައީސް އޮފީހާއި ޓްރޭޑްނެޓް ގުޅިގެން ރާއްޖޭގެ ހުރިހާ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ތައްޔާރު ވެފައި ވާ އިރު އެމަސައްކަތުގައި އިސްކޮށް ހަރަކާތްތެރި ވަނީ ނުވަތަ ލީޑް އެޖެންސީތަކުގެ ގޮތުގައި ހިމެނެނީ ހޯމް މިނިސްޓްރީއާއި، ހެލްތް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީކަން ވަނީ އެނގިފައެވެ. އަދި ސަރުކާރުގެ އެހެން މިނިސްޓްރީތަކުންވެސް ދަނީ މި އިންގިލާބު ގެނެއުމުގެ މަސައްކަތުގައި ފުރިހަމައަށް ބައިވެރިވަމުންނެވެ.

ހަލުވި މިނެއްގައި ކުރިއަށްދާ މި މަސައްކަތުގެ ހާއްސަ ވެބްސައިޓެއް ރޭ ވަނީ ލޯންޗުކޮށްފައެވެ. ޑިޖިޓަލް ޑޮޓް ޖީއޯވީ ޑޮޓް އެމްވީގެ ނަމުގައި ވެބްސައިޓް ލޯންޗުކޮށް އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ވާއިރު އެނގިފައިވާ ގޮތުގައި މިނިސްޓްރީ ތަކާއި އިދާރާތައް ގުޅިގެން 3 ދުވަހުގެ މަހާސިންތާއެއް ބޭއްވުމަށް ދަނީ ތައްޔާރު ވަމުންނެވެ. މި މަހާސިންތާގައި މިނިސްޓްރީތަކާއި އިދާރާތަކުގެ ހާލަތު އަންގާދޭ އެ މުއައްސަސާއެއްގެ ކަރުދާސް ހުށަހަޅުން އޮންނާނެއެވެ. އަދި މަހާސިންތާ ނިމޭއިރު ހުރިހާ އިދާރާތަކުން އެއްބަސްވާ އިގުރާރެއް އެކުލަވާލާނެ ކަމަށް އެނގިފައި ވެއެވެ. އޭގެ މަގްސަދަކީ ދާންވީ މިސްރާބު ކަނޑައަޅައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި ކުރިއަށް ދާންވީ މަގުޗާޓު މެދު އެއްބަސްވުމެވެ.

ދައުލަތުގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒް ކުރުމުގެ މައިގަނޑު އަސާސަކީ ހުރިހާ ހިދުމަތެއް ފަސޭހައިން ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި ހަމަ އެހެންމެ މި އީޖާދުގެ ސަބަބުން ސަރުކާރާއި އެހެނިހެން އިދާރާތަކުގައި ހިންގަމުންދާ ކޮރަޕްޝަންތައް ހުއްޓުވުމަށް ފަސޭހަ ވެގެންދާނެއެވެ. އިންސާނީ ބައިވެރިވުން މަދުކޮށް، ޑިޖިޓަލައިޒް ކުރުމަށްޓަކައި އާ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 ޕަސަންޓު ޑިޖިޓަލް އިގްތިސާދުން ހިއްސާކުރާ މިންވަރަށް އިތުރުކުރުމެވެ. އަދި މިކަން ހާސިލް ކުރުމަށް ރައްޔިތުންނާއި ސަރުކާރު މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައި ވެއެވެ.