ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ކަނޑައެޅި 60 ބިން ހަމައެކަނި މާލެ މީހުންނަށް ވިއްކާ ގޮތަށް އުސޫލު ބަދަލު ކޮށްފިއެވެ.
ކުރިން އިއުލާނު ކޮށްފައި ވަނީ 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ދެވަނަ ފިޔަވަހިން ބިން ގަނެވޭ ގޮތަށެވެ.
ނަމަވެސް މިހާރު ވަނީ ވިއްކަން ނިންމާފައިވާ ބިންތައް ހަމައެކަނި މާލޭގައި ރަޖިސްޓްރީ އޮތް މީހުންނަށް ގަނެވޭ ގޮތަށް އުސޫލު ބަދަލު ކޮށްފައެވެ.
ބިން ގަތުމަށް ޝަރުތު ހަމަވާ މީހުން:
- މާލޭގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކަށް ވުން
- އެޗްޑީސީ މެދުވެރިކޮށް ހުޅުމާލޭ އެއް ވަނަ ފިޔަވަހިން އަދި ދެވަނަ ފިޔަވަހިން ބީލަން އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން
- މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް ނުވުން
- 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުން
- މާލެ ސަރަހައްދުން ބިމެއް ނުވަތަ ގޯއްޗެއް، އެކަކަށް ވުރެ ގިނަ މީހުންގެ ނަން މައްޗަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ، 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ފަރާތަކަށް ނުވުން
ބީލަން ހުށަހެޅޭނެ އެންމެ ދަށް އަގުކަމަށް އެޗްޑީސީން ކަނޑައަޅާފައި ވަނީ ބީޗް ފްރަންޓުން ނަމަ އަކަފޫޓަކަށް 3،900 ރުފިޔާއެވެ. ބީޗް ސައިޑުން ނަމަ އަކަފޫޓަކަށް 3،500 ރުފިޔާއެވެ.
ބީޗް ފްރަންޓް އަދި ބީޗް ސައިޑްގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ނަގާނީ 320،000 (ތިންލައްކަ ވިހިހާސް) ރުފިޔާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ބީލަން ފޯމު ހުޅުވުން އޮންނާނީ އަތިރިމައްޗާ ކުރިމަތިން "ބީޗް ފްރަންޓް"ގެ ގޯތިތަކަށް ފެބްރުއަރީ 9 ވަނަ ދުވަހުގެ 01:00 ގައެވެ. އަދި ބީޗު ސައިޑްގެ ބިންތަކަށް ބީލަން ހުށައަޅާ ދުވަހަކީ 16 ފެބްރުއަރީ 01:00 ގައެވެ.