ހިއްކާ ނިމި ތައްޔާރު ކޮށްފައި އޮތް ބިމެއްގައި ތިން އަހަރުވީ އިރުވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެންމެ މަޝްރޫއެއް ވެސް ހިންގިފައި ނުވާ ކަމަށާއި، މި ސަރުކާރު "ހަބޭހަށް ސްލޯ" ކަމަށް، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރޭ "ޕީއެސްއެމް" ގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މި ސަރުކާރަށް ވުރެ ނިމިދިޔަ ރައިސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަޝްރޫއު ހިންގުމުގެ ދުވެލި މާ ލަސްކަމަށާއި، އެގޮތުން ހިޔާ މަޝްރޫއުވެސް މިދިޔަ ސަރުކާރުން ފަށާފައި ވަނީ ވެރިކަމުގެ ހަތަރުވަނަ އަހަރުގައި ކަމަށެވެ.

މިކަމާ ގުޅިގެން ޝިޔާމް ވިދާޅުވީ، ހިޔާ ފްލެޓްތައް ހަދާފައި ހުރި ބިމަކީ 78 ދުވަހުން ޔާމީންގެ ސަރުކާރުން ހިއްކައި، ވަށައިގެން ރިވެޓްމެންޓު ޖަހައި ޝީޓު ޕައިލް ކޮށްގެން ހަދާފައިވާ ބިމެއް ކަމަށެވެ. އެ ބިމުގައި 13،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު ހަދާފައި ވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ނަމަވެސް، ހިއްކައި ނިމި ތައްޔާރު ކޮށްފައި އޮތް ބިމެއްގައި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް މިސަރުކާރަށް ނުފެށޭ ކަމަށް ވިދާޅުވެ، ރައީސް ސޯލިހު "ހަބޭހަށް ސްލޯ" ކަމަށް ޝިޔާމް ވަނީ ސިފަ ކުރައްވާފައެވެ.

މަޝްރޫއުތައް ހިންގުމުގައި މި ސަރުކާރުގެ ދުވެލި ލަސްކަމަށް ބުނެ، ސަރުކާރާއި އެމްޑީޕީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ފާޑު ވިދާޅުވާ އިރު، އާންމުންވެސް އަންނަނީ އެކަމުގައި ސަރުކާރަށް ފާޑު ކިޔަމުންނެވެ.