ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީކޮށް، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިކުރުމުގެ ގޮތުން ޗައިނާއާ ގުޅިގެން ހިންގާ ހާއްސަ ވޯކްޝޮޕް ރަސްމީކޮށް ފަށައިފިއެވެ.
މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި ޗައިނާގެ ހައިނާން ޔުނިވަސިޓީ ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް މިއަދު ފަށްޓަވައިދެއްވީ މިނިސްޓަރު އަހްމަދު ޝިޔާމް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާއެވެ.
މި ވޯކްޝޮޕްގައި މަސްވެރިކަމާ ބެހޭ ވުޒާރާގެ އިތުރުން، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ، މިފްކޯ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ހިމެނެއެވެ.
މި ތަމްރީނުގެ ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ދެމެހެއްޓެނިވި އުސޫލުން މަސްވެރިކަމުގެ ވަސީލަތްތައް ބެލެހެއްޓުމާއި، ކަނޑުގެ ދިރުންތަކުގެ ނަސްލު ރައްކާތެރިކުރުމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓްރޮޕިކަލް އެކުއަކަލްޗަރ ކުރިއެރުވުމާއި، ހަލާކުވަމުންދާ މުރަކަތަކާއި ފަރުތައް އަލުން އާލާކޮށް ދިރުވުމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ތަޖުރިބާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކާއި ޗައިނާގެ ދިރާސާވެރިން އެއްތަނަކަށް ގެނެސް، ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ދެ ގައުމުގެ ދެމެދުގައި މި ދާއިރާއިން އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދިގު މުއްދަތަކަށް ދެމިގެންދާނެ އެއްބާރުލުމެއްގެ ބިންގާ އެޅުމެވެ.
