ކޮންމެ ދެ މަހަކުން އެއް މަހު ބާއްވާނެ ކަމަށް ބުނެ މި ސަރުކާރުން ފެށި "އަހާ" ފޯރަމް ސިލްސިލާގެ ފޯރަމެއް، އަހަރުދުވަހުގެ މެދުކެނޑުމަކަށްފަހު އާދީއްތަ ދުވަހުގެރޭ ބޭއްވުމަށް ނިންމައިފިއެވެ.

އެންމެ ފަހުން އަހާ ފޯރަމެއް ބޭއްވީ ޖުލައި 14، 2025 ގައެވެ. އެއީ ކޮންމެ ދެ މަހަކުން އެއް މަހު، ފަހަރަކު ފަސް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ބާއްވާނެ ކަމަށް ބުނެ ފެށި އެ ސިލްސިލާގެ ހަވަނަ ފޯރަމެވެ.

މާދަމާ ރޭ 9:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއެވެ. ދެ ގަޑިއިރަށް ކުރިއަށްގެންދާ މި ފޯރަމް ކުރިއަށްދާ ވަގުތު ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއާ މެދުވެރިކޮށް އާންމުންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.

މި ފޯރަމްތަކަކީ ވަޒީރުންގެ ދާއިރާތަކުން އާންމުންނަށް ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ދިނުމަށްޓަކައި ޖެނުއަރީ 22، 2024 ގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި އާންމު ފޯރަމްތަކެކެވެ. މި ފޯރަމްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ "ރައްޔިތުންގެ އަޑު" އަދި "ނޭޝަން ޗެޓް" ޕްރޮގްރާމްތައްވެސް ކުރިއަށްދެއެވެ.

ސަރުކާރުން ބުނީ މިކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއްގެ އިތުރުން، އެމަނިކުފާނުގެ ސަރުކާރުން ވީހާވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށާ، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވުމުގެ ގޮތުން ކުރައްވާ މަސައްކަތެއް ކަމަށެވެ.