ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރި ނަމަވެސް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދެމުންގެންދާ އަސާސީ އެއްވެސް ހިދުމަތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ބިމުގެ ރަޖިސްޓަރީ ބާތިލުކުރިކަމަށް އަންގާ މާލެ ސިޓީ ކައުންސިލްގެ ފަރާތުން ނިންމި ނިންމެވުމަކީ ގާނޫނާ ހިލާފު ނިންމެވުމެއް ކަމަށް ކޯޕަރޭޝަނުން ދެކޭ ކަމަށާއި އަދި މި މައްސަލަ ބަލާދިނުމަށް އެދި މިހާރު ކަމާ ބެހޭ މުވައްސަސާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

ހުޅުމާލެ ފޭސް 1 އަދި 2 އަކީ އެޗްޑީސީގެ އަމިއްލަ ބިން ކަމަށާއި އަދާކުރަން ޖެހޭ އެއްމެހާ ޒިންމާތަށް އަދާކުރަމުން ގެންދާނެ ކަމުގެ ޔަގީން އެކުންފުނިން ވަނީ ދީފައެވެ.

އެޗްޑީސީން ބުނީ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކުރެވޭ އެއްވެސް ކަމެއްގައި ރައްޔިތުންގެ ފަރާތުން ބައިވެރި ނުވުމަކީ އެ ކޯޕަރޭޝަނުގެ ވަރަށް ބޮޑު އިލްތިމާސެކެވެ. އެޗްޑީސީން ވަނީ ހުޅުމާލޭގެ ދިރިއުޅޭ އެންމެހާ ރައްޔިތުންގެ ފަރާތުން އެ ކޯޕަރޭޝަނަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން އަންގާފައިވާ ކަަމަށާއި، ނަމަވެސް އެ ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކައުންސިލުން ނިންމި ނިންމުމެއް ކަމަށް ދެކޭ ކަމަށް ބުނެފައެވެ. ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރަން ނުޖެހޭނެ ކަމުގައި ކަނޑައަޅައިދީ ވަގުތީ އަމުރެއް ނެރެދިނުމަށް އެޗްޑީސީން ސިވިލް ކޯޓުގައި ވަނީ އެދިފައެވެ.

ކައުންސިލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެޗްޑީސީން ސިވިލް ކޯޓަށް އިއްޔެ މައްސަލަ ހުށަހަޅާފައިވަނީ، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "ކޮތަރުކޮށި" ގެ ނަމުގައި ބާއްވަން އޮތް ޖަލްސާ އެޗްޑީސީން ހުއްދަ ނުނަގާ ނުބޭއްވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބަޔާނެއް ނެރެފައިވަނިކޮށް، އެޔާ ޖެހިގެން އޮތް ދުވަހު ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލުކުރުމަށް ކައުންސިލުން ބޭއްވި ކުއްލި ޖަލްސާގައި ފާސްކުރުމާ ގުޅިގެންނެވެ. މިހާރު އެ ޖަލްސާ މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ކާނިވާ ސަރަހައްދުގައެވެ.