ހިޔާ އިން ވަކިކުރި މުވައްޒަފުންނަށް އިދިކޮޅުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން، ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

އެ ކޯލިޝަނުން ބުނީ ޖެންޑާ މިނިސްޓްރީ އިން ވަޒީފާއިން ވަކިކުރި ބައެއް މުވައްޒަފުންނާ އެ ކޯލިޝަންގެ ލީޑާޝިޕްގެ ބައެއް މީހުންނާއި ލީގަލް ޓީމްގެ ފަރާތުން ވަނީ ބައްދަލުކޮށްފާ ކަމަށެވެ. އަދި އެ ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

ހިޔާއިން ވަކިކުރި މުވައްޒަފުންނާއި އިދިކޮޅު ކޯލިޝަނުގެ އިސްވެރިން ބައްދަލުކުރެއްވުމުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް

ޖެންޑާ މިނިސްޓްރީއިން 21 މުވައްޒަފުން ވަކި ކުރީ މި މަހުގެ 1 ވަނަ ދުވަހެވެ. ޖެންޑާ މިނިސްޓްރީގެ ވަޒީފާއިން އެ މުވައްޒަފުން ވަކިކޮށްފައި ވަނީ ތަނުގެ އޮނިގަނޑަށް ގެންނަ ބަދަލަކާ ހެދި ކަމަށް އެންގުމަށްފަހުއެވެ. އަދި ވަކިކުރި މުވައްޒަފުންނަށް ނޯޓިސް ފޮނުވާފައި ވީ ނަމަވެސް، އެއްވެސް މުވައްޒަފަކު އެ ނޯޓިސް އާ ހަވާލުވެފައެއް ނުވެއެވެ.

ޖެންޑާ މިނިސްޓްރީ އިން ވަނީ ކުޑަކުދިންގެ ހިޔާ ހުސްކޮށް، ރަށްރަށުގައި ގާއިމް ކޮށްފައި ހުންނަ އަމާންވެށިތަކަށް ކުދިން ބަދަލުކޮށްފައި ވާތީ، އެ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް ކުރިން އަންގާފައި ވާނެ ކަމަށް ބުނެފައެވެ.

އެ މުވައްޒަފުން ވަޒީފާއިން ވަކިކުރި ދުވަހު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. އެ ދުވަހު މުއިއްޒު ވިދާޅުވީ ސިޔާސަތަށް އައި ބަދަލެއްގެ ސަބަބުން 21 މުވައްޒަފުން މަގުމަތިވާނެ ގޮތަށް ކަންތައް ކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި އެ މުވައްޒަފުން މަގުމަތިވިޔަ ނުދިނުމަށް އެހެން އޮފީސްތަކަށް ބަދަލުކުރުމަކީ އެންމެ އިންސާފުވެރި ގޮތް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.