މިދިޔަ އޮކްޓޯބަރު މަހު ސޫދާންގަައި ބަގާވާތެއްކޮށްގެން އެގައުމުގެ މަދަނީ ވެރިކަން ވައްޓާލި ސޫދާންގެ އަސްކަރިއްޔާއިން ސިޔާސީ މައިދާނު ދޫކޮށްލާނީ އެގައުމުގައި 2023 އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް ފަހު ކަމަށް އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް އަބްދުލް ފައްތާހު އަލް ބުރުހާން ވިދާޅުވެއްޖެއެވެ.

ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ސޫދާންގެ އަސްކަރިއްޔާގެ އިސްވެރިޔާ އަދި ބަގާވަތުގެ ލީޑަރު އަލް ބުރުހާން ވިދާޅުވީ، ސޫދާންގައި މަދަނީ ސަރުކާރެއް އިންތިހާބުވުމަށް ފަހު އެގައުމުގެ އެއްވެސް އަސްކަރީ ބާރެއް އަދި ސަލާމަތީ ބާރުތަކަށް ނިސްބަތްވާ ފަރާތެއް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަކީ ނާދިރު ކަމެއް ކަމަށެވެ. މިއީ އަސްކަރިއްޔާއިން މިހާތަނަށް އެއްބަސްވެފައިވާ ގޮތް ކަމަށާ މިއީ ހަގީގަތް ކަމަށް ވެސް ޖެނެރަލް އަލް ބުރުހާން ވިދާޅުވިއެވެ.

ސޫދާންގެ މަދަނީ ސަރުކާރު ވައްޓާލުމުން އެގައުމުގައި ކުރި މުޒާހަރާތަކުގައި އެއްވި މީހުންނާއި ދެކޮޅަށް އަސްކަރިއްޔާގެ މެންބަރުން ބާރުގެ ބޭނުންކުރި ކަމަށް ބުނެ ކުރާ ތުހުމަތުތަކާ ބެހޭ ގޮތުން ވެސް ބުރުހާން ވާހަކަ ދެއްކެވިއެވެ.

ބުރުހާން ވިދާޅުވީ، މުޒާހަރާގެ ބައިވެރިންނަށް ހަމަލާތައް ދިން މީހުން ހޯދުމަށް ކުރާ ތަހްގީގުތައް މިހާރު ފަށާފައިވާ ކަމަށާ އެފަދަ ފަރާތްތައް ހޯދާ ހައްގު އަދަބު ދޭނެ ކަމަށެވެ.

ސޫދާންގެ ބަގާވާތުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން/ފޮޓޯ: ޑެއިލީ ސަބާހް

އޮކްޓޯބަރު މަހުގެ ފަހުން ސޫދާންގައި ކުރި މުޒާހަރާތަކުގައި ހިނގާފައިވާ ހަމަނުޖެހުންތަކުގައި މިހާތަނަށް 44 މީހަކު ވަނީ މަރުވެފައެވެ.

2023 ވަނަ އަހަރު ވަންދެން ސޫދާންގެ ސިޔާސީ މައިދާނުގައި އަސްކަރިއްޔާއިން ހަރަކާތްތެރިވާނެ ކަމުގެ އިޝާރާތެއް ސޫދާންގެ އަސްކަރީ އިސް ޖެނެރަލް ދެއްވާފައި މިވަނީ މިދިޔަ މަހު ސޫދާންގައި އިލްމުވެރިންނާއި ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ ސަރުކާރެއް ގާއިމުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ބޮޑު ވަޒީރު އަބްދުﷲ ހަމްދޫކްގެ ދަށުން ވެރިކަން ކުރާ މިސަރުކާރުގައި 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އޮންނާނެ ކަމަށް ބެލެވެއެވެ.