ހަނގުރާމަ ހިނގަމުން ދާ ސޫދާން ދޫކޮށް ކައިރި ގައުމުތަކަށް ހިޖުރަ ކުރަން ދާ މީހުން ބޯޑަރުތަކުގައި ތާށިވަމުން އެބަދެއެވެ.

އޭގެ ތެރޭގައި ވަކިވަކި މީހުންނާއި އާއިލާތައް ހިމެނޭ އިރު އެމީހުން ގޮވައިގެން ދަތުރު ކުރާ މީހުން އެމީހުން ބޯޑަރަށް ދޫކޮށްލައި ފައިސާ ދޭން އެދެމުން ދާ ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.

އެގޮތުން އުމުރުން 10 އަހަރުން ދަށުގެ 3 ކުދިން ހިމެނޭ 7 މެންބަރުންގެ އާއިލާއެއް ސޫދާނާއި މިސްރު ގުޅޭ ބޯޑަރުގައި ތާށިވެފައި ވާ އިރު، އެމީހުން މިސްރަށް ވައްދައިދޭން 40،000 އެމެރިކާ ޑޮލަރު ދޭން ޑްރައިވަރު އެދެމުން ދާކަމަށް ބުނެއެވެ.

ބީބީސީ އާ ވާހަކަ ދެއްކި އެ އާއިލާގެ މީހަކު ބުނީ، ބޯޑަރުގައި އެތައްހާސް ބަޔަކު ތިބި ކަމަށާއި، ނިދޭނެ ގޮތެއްވެސް ނެތް އިރު ބައެއް މީހުން ސްކޫލުތަކުގައި އަނެއްބަޔަކު ހާއަށް ހުރު ތަންތަނުގައި ތިބިކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ އިނގިރޭސި ރައްޔިތުކަން އޮތް މީހުން ކަމަށާއި، އެމީހުންނަށް އެހީވުމަށް އިނގިރޭސި ސަރުކާރަށް ވަނީ ގޮވާލާފައެވެ.

"އަހަރެމެން މިތިބީ ސަރަހާއެއްގެ ތެރޭގައި، ބޭހެއް އެއްޗެއް ވެސް ނެތް، އަހަރެމެން އެދެނީ ބޯޑަރު ހުރަސް ކުރަން ބަހެއް ނަމަވެސް އެއްޗެއް އިނގިރޭސި ސަރުކާރުން ހަމަޖައްސައިދޭން"
ފަބީ އަތަބަނީ

އޭނާ އިތުރަށް ބުނީ، އާންމު ބަސް ދަތުރެއްގެ އަގަކީ 3000 އެމެރިކާ ޑޮލަރު ނަމަވެސް މި ހާލަތުގައި ހާލަތުގެ ފައިދާ ނަގާ ޑްރައިވަރުން 40،000 އެމެރިކާ ޑޮލަރަށް އެދެމުން ދާ ކަމަށެވެ. އަދި މިވަގުތު ހުރަސް ކުރަން އޮތީ އެންމެ 30 ކިލޯމީޓަރު ކަމަށް ވެސް އޭނާ ބުނެއެވެ.

ހަނގުރާމައިގެ ސަބަބުން އާންމު ހުރިހާ ހިދުމަތެއް ހުއްޓި ބޭންކް ތަކާއި އޭޓީއެމްތައްވެސް ބަންދު ކޮށްފައި ވާ ދަނޑިވަޅެއަގައި ޑްރައިވަރުން ފައިސާއަށް އެދެމުން ދިޔުމަކީ އިންސާނީ ހައްގަކަށް އަރައިގަތުން ކަމަށް ގިނަ ބަޔަކު ދެކޭ އިރު، ސޫދާނުގެ ވެރިރަށުގައި ތާށިވެފައި ހުރި އަންހެނަކާއި އޭނާގެ ދަރިއާ ހަވާލާދީ ބީބީސީ ބުނީ، މީގެ ކުރިން ބޯޑަރާ ހަމައަށް ދަތުރު ކުރަން 25 ޑޮލަރު ނަގާތަނަކަށް މިހާރު 400 ޑޮލަރު ދޭން އެދޭ ކަމަށެވެ.

10 މިލިއަން މީހުންގެ އާބާދީއެއް އޮތް ސޫދާންގެ ތެރޭގައި ބަރުގަދަ 2 ޖެނެރަލުން، ވެރިކަމާ ހެދި ކުރާ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 400 އިން މައްޗަށް ވަނީ އަރާފައެވެ. އިންސާނީ އެހީ ފޯރުކޮށްދޭން ހަނގުރާމަ މަޑުޖައްސާލަން އެއްބަސްވެފައި ވީ ނަމަވެސް ދޭތެރެދޭތެރެއިން ހަމަލާ ބަދަލު ކުރުން ކުރިއަށް ދެއެވެ.

މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސޫދާންގެ ހާލަތު ހަމައަކަށް އެޅޭނީ ސުލްހަ ބަލަހައްޓާ ބައިނަލްއަގުވާމީ ފަރާތަކުން ސޫދާނަށް އަރައިގެންނެވެ.