ސޫދާންގެ ވެރިރަށް ހަރްތޫމްގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރު ދިރިއުޅުއްވާ ގެއަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިފަދަ ހަމަލާތައް ޑިޕްލޮމެޓިކް ފެސިލިޓީތަކަށް އަމާޒު ކުރުމަކީ ޑިޕްލޮމެޓިކް ގުޅުންތަކާ ބެހޭ ވިއެނާ މުއާހަދާ އާއި ޑިޕްލޮމެޓިކް އިމިއުނިޓީއާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.
ދިވެހި ސަރުކާރުން ވަނީ ޑިޕްލޮމެޓިކް ގުޅުންތައް ރެގިއުލޭޓް ކުރާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އާދަކާދަތަކާ އެއްގޮތްވާ ގޮތުގެ މަތިން ޑިޕްލޮމެޓިކް ތަންތަނުގެ އަމާންކަން ދަމަހައްޓަން ޖެހޭކަން ކަށަވަރު ކޮށްދީފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނާ އެކުގައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ހަމަލާއާ ގުޅިގެން ޔޫއޭއީ އިން ބުނީ ހަރްތޫމްގައި ހުންނަ އެ ގައުމުގެ ސަފީރުގެ ގެއަށް ސޫދާނުގެ އަސްކަރީ މަތިންދާ ބޯޓަކުން ހަމަލާދީފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ހަމަލާއެއް ކަމަށެވެ. އެ ހަމަލާގައި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ޔޫއޭއީ އިން ބުނެފައި ވެއެވެ. މި ތުހުމަތާ ގުޅިގެން ސޫދާނުގެ އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ސޫދާނުގެ 17 މަސް ދުވަސްވީ ހަނގުރާމައިގައި ޔޫއޭއީ އިން ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އަށް ހަތިޔާރާއި އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ސޫދާންގެ އަސްކަރިއްޔާއިން ދަނީ ތަކުރާރުކޮށް ތުހުމަތު ކުރަމުންނެވެ. ނަމަވެސް ގަލްފުގެ ދައުލަތުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.