އެއީ ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކޮމްޕިއުޓާ ވޯ ގޭމެއް ނޫނެވެ. ނުވަތަ ކޮންޕިއުޓާ ޖެނެރޭޓަޑު ސިމިއުލޭޝަނެއް ވެސް ނޫނެވެ.

ދެފަރާތުން މެޝިން ބަޑިއާއި ބަރުހަތިޔާރުން ހަމަލާ ދެމުން ދާއިރު، ރޭގަނޑުގެ އަނދިރި ކަމުގައި ބޯމަތިން އުދުހެމުން ދާ ޗޮޕާ (އަސްކަރީ ހެލިކޮޕްޓަރު) ތައް ގޮވަމުން ވެއްޓެމުން ދާ މަންޒަރު ހަމަ ލޮލަށް އެދަނީ ފެންނަމުންނެވެ.

ސޫދާނުގެ އެންމެ ބާރުގަދަ ދެ ޖެނަރަލުން ބާރުތައް ހޯދުމަށްޓަކައި ފަށައިގެން އުޅޭ ހަނަގުރާމައިގައި 3 ދުވަސް ވެގެން ދިޔައިރު ދެފަރާތަށް ބޮޑެތި ގެއްލުންތައް ލިބި މަރުވި މީހުންގެ އަދަދު ވަނީ 185 އަށް އަރާފައެވެ. މިއާއެކު އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ 1800 މީހަކު މިހާރުވެސް ތިބިކަމަށް ހަބަރުތައް ބުނެއެވެ.

ހަމަލާތައް ފެށުނު ސީދާ ސަބަބު މުޅިން ސާފުނުވިނަމަވެސް މިހާތަނަށް އެނގިފައި ވަނީ އެ ހަމަލާތަކަކީ 2 ޖެނެރަލުން ބާރުތައް ހިއްސާކުރުމުގައި ހިޔާލުތަފާތު ވެގެން ފެށުނު ހަމަލާއެއް ކަމަށެވެ. އެއް ޖެނެރަލަކީ، މިހާރު ސޫދާނުގައި އޮތް ސަރުކާރުގެ އެންމެ އިސް ޖެނެރް އަބްދުލް ފައްތާހް އަލް ބްރްހާން އެވެ. އަނެއްކޮޅުގައި ހުރީ ހަތިޔާރުއެޅި ޕެރަމިލިޓަރީ (އަސްކަރީ ތަމްރީނު ލިބިފައި ތިބި) ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ގެ ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯއެވެ. މި ދެ ފަރާތުގައިވެސް ބަރުހަތިޔާރާއި، ހަލިކޮޕްޓަރާއި، މެޝިންބަޑި އެބަހުއްޓެވެ.

ހަތިޔާރުއެޅި ޖަމާއަތްތަކުން މަގުތަކުގައި ހަކަތާތްތެރިވާ އިރު އާންމުން އެއްވެފައި

މި އާރުއެސްއެފް އަކީ ކުރީގެ ރައީސް އުމަރު އަލް ބަޝީރު 2013 ގައި އުފެއްދެވި ޖަމާއަތެކެވެ.

މި 2 ޖެނެރަލުންނަކީ، ހުސްވި 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެގައުމަށް ގެނައި ބަޣާވާތުގައި ބައިވެރިންނެވެ. މިހާރު އަދާވާތްތެރިވެ ހަނގުރާމައަށް ނުކުތީ އާ އާ ވެރިކަމުގައި އާރުއެސްއެފް އަކީ ވެސް މިހާރު އޮތް ސަރުކާރުގެ ސިފައިންގެ ބައެއްގެ ގޮތުގައި ހެދުމަށް ކުރެވުނު މަޝްވަރާތަކުގައި ބާރުތައް ބެހުމުގެ މައްސަލައިގައި އެއްބަސް ނުވެވިގެން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

2 ޖެނެރަލުންގެ ހަނގުރާމަ ޓީވީތަކުން ދައްކަމުން ދާ އިރު އެންމެ ބޮޑަށް ސިފަވަނީ ޒުވާނުން ކުޅޭ ވޯ ގޭމަކާއެވެ. އާންމުން ދިރިއުޅޭ ސަރަހައްދުތަކުގެ މަތިން 10-12 ޗޮޕާ ދަތުރު ކުރަމުން އާންމުންގެ ތެރެއަށް ބަޑިޖަހަމުން ގެންދާއިރު އާންމުންގެ ތެރެއިން ބޮޑުބަޑިއާއި ބަރުހަތިޔާރުން ހެލިކޮޕްޓަރުތަކަށް ހަމަލާދޭތައް ފެނެއެވެ. އެއާއެކު ހެލިކޮޕްތަރުތައް ގޮވައި ވެއްޓެމުން ދާތަންވެސް ފެނެއެވެ.

ދެފަރާތުން ބަދަލުކުރަމުންދާ ހަމަލާތަކުގައި ސޫދާން އަނދަނީ

މި ކުރިމަތިލުމުގައި އާންމުންގެ ގިނަ ބަޔަކަށް ބޮޑެތި އަނިޔާތައް ލިބެމުން ދާ އިރު ދާއިހިލީ ހަނގުރާމައަކަށް ބަދަލުވެ، މިހާރުވެސް ބަނޑަށް ޖެހިފައިވާ ސޫދާންގެ ހާލަތު އިތުރަށް ގޯސްވެދާނެތީ ހަމަލާތައް ހުއްޓާލުމަށް އދ އާއި ދުނިޔޭގެ އެންމެ ކުރިއަރާފައި ވާ 7 އިގްތިސޯދު ނުވަތަ ގައުމު (ޖީ7) އިން ވެސް ވަނީ ގޮވާލާފައެވެ. އެ ގައުމުތަކުން ބުނީ، އެއްވެސް ޝަތުރެއް ނެތި މިވަގުތުން ވަގުތަށް ހަމަލާތައް ހުއްޓާލައި ހަތިޔާރު ބެހެއްޓުމަށެވެ.

ހަމަ މިއާއެކު އދ ގެ މަންދޫބުން މިހާރު ގެންދަނީ، 2 ޖެނެރަލުންނާ ވާހަކަ ދެއްކުމަށް ކުރަން ޖެހޭ ކަންކަންވެސް ކުރަމުންނެވެ. ނަމަވެސް ވަޔާއި އެއްގަމު މަގު ބަންދުކޮށްފައި އޮތުމުން އޮފިޝަލުންނަށް 2 ޖެނެރަލުންނާ ހަމައަށް ދަތުރު ކުރުމުގައި ނުރައްކާތައް ހުރިކަމަށް ބުނެއެވެ. އަދި ލީޑަރުންނާ ވާހަކަ ދެއްކުނަސް މައިދާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ސިފައިން އެ ބަސް ނޭހުމުގެ ފުރުސަތު އޮތް ކަމަށް ވެސް ބުނެއެވެ.

ބާރުތައް ހޯދުމަށް 2 ޖެނެރަލުން ފެށި ހަނގުރާމައިގައި 2 ޖެނެރަލުންގެ ފަހަތުގައި ހަތިޔާރު އެޅި އެތައްހާސް ބަޔަކު އެބަތިއްބެއެވެ. ގާތްގަނޑަކަށް ދެފަރާތަށްވެސް ހަމަހަމަ ކަހަލަ ގޮތަކަށް މީހުން ތިބި އިރު އެންމެންގެ އަތުގައިވެސް ހަތިޔާރު އެބަހުއްޓެވެ.