ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް 2 އަހަރާއި 2 ދުވަސް ފަހުން ސުޕްރީމް ކޯޓުން އިއްޔެ ބާތިލުކުރުމާއެކު މިނިވަންވެވަޑައިގަތުމުން ހުކުރު ދުވަހުގެ ރޭ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވާ ޖަލްސާގައި ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ "މަރުހަބާ ރައީސް ޔާމީން"ގެ ނަމުގައި ބާއްވާ ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ 8:30 ގައި ކާނިވާ ސަރަހައްދުގައި ކަމަށާއި އެ ޖަލްސާގައި ޔާމީން ދިވެހި ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަދައްކަވާނެ ކަމަށެވެ.

"މި ޖަލްސާގެ ތައްޔާރީތަކުގެ ތެރޭގައި އަޅުގަނޑުމެންވާނީ މި ޖަލްސާ ބޭއްވުމުގެ ހުއްދައަށް އެދި މާލޭ ސިޓީ ކައުންސިލަށް ހުށަހަޅާފައި. ސިޓީ ކައުންސިލް ވަރަށް ހެޔޮފުޅު އަޅުގަނޑުމެންނަށް މިހާރު ވަނީ ކާނިވާ ސަރަހައްދު ލިބިފާ"
ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު

ޕީޕީއެމް ހަރަކާތު ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މި ސަރުކާރުން ރައީސް ޔާމީނަށް ނުހައްގުން އަނިޔާކުރިކަން ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުން ސާފުކޮށް ސާބިތުވާން އެބައޮތް ކަމަށާއި އެ ޖަލްސާ ބޭއްވުމުގެ މަގްސަދަކީ ރައީސް ޔާމީނާ، އެ މަނިކުފާނުގެ ސަޕޯޓަރުން ގާތުން ބައްދަލުވާނެ މަގު ފަހިކޮށްދިނުންކަމަށެވެ.

"ވީހާ ވެސް ގިނަ ލޮބުވެތި ރައްޔިތުން، ކައިރި ރަށްރަށުން ވެސް އާދެވެން ތިބި ރައްޔިތުން، ވަޑައިގެންދެއްވުމަށް އަޅުގަނޑު ދައުވަތު އަރުވަން."
ޕީޕީއެމް ހަރަކާތު ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް

އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވަނީ ރައީސް ޔާމީން މިނިވަން ވުމާއެކު އެ ކޯލިޝަންގެ ހަރަކާތްތައް ދެ ގުނައަށް އިތުރުވާނެ ކަމަށާއި އޭގެ ތެރޭގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރު ހަރުފަތަކަށް ދާނެ ކަމަށް ވިދާޅުވެފައެވެ.