އެފްރިކާގެ ދެކުނުގައިވާ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ ކާގޯ އުޅަނދު ފަހަރުވެސް ރާއްޖޭގެ ޕޯޓުތަކަށް ވަނުން މަނާކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިގޮތަށް ނިންމާފައިވާއިރު، ކޮވިޑް-19 ގެ އާ ވޭރިއެންޓް އޮމިކްރޯންގެ ސަބަބުން އިއްޔެއިން ފެށިގެން އެގައުމުތަކުގެ މީހުން ރާއްޖެއަށް އެތެރެވުން ވަނީ މަނާކޮށްފައެވެ. އެގައުމުތަކަކީ:

  • ދެކުނު އެފްރިކާ
  • ނެމީބިއާ
  • މޮޒަންބީކު
  • ލެސޯތޯ
  • ބޮޓްސްވާނާ
  • ޒިމްބާބްވޭ
  • އެސްވަޓީނީ

އެ އޮތޯރިޓީން މިއަދު ނެރުނު ސާކިއުލާގައި ބުނެފައިވާ ގޮތުން އެ ހަތް ގައުމުން، ނުވަތަ އެ ހަތް ގައުމުގައި ޓްރާންސިޓްވެފައިވާ އުޅަނދު ފަހަރު ރާއްޖޭގެ ޕޯޓުތަކަށް ވަނުން މަނާވާނެއެވެ.

އެހެންކަމުން މީގެ ދެ ހަފްތާ ކުރިން އެ ހަތް ގައުމުން ޓްރާންސިޓްކޮށްފައިވާ އުޅަނދު ފަހަރާއި ފަޅުވެރިންނަށް ރާއްޖެ ނާދެވޭއިރު، އޭގެ ކުރިން އެގައުމުތަކުން ދަތުރު ފަށާފައިވާ އުޅަނދު ފަހަރުގެ ހުރިހާ އޮޕަރޭޝަނެއްވެސް ގެންދަން ޖެހޭނީ ކޮންޓެކްޓްލެސް ކޮށެވެ.

އަދި ކޮންޓެކްޓްލެސް އޮޕަރޭޝަންތަކުގައި އެ އުޅަނދަކަށް އެރޭނީ އެ އުޅަނދެއްގެ ކެޕްޓަނަށާއި، ހުއްދަ ދެވިފައިވާ ސަރުކާރުގެ އޮފިޝަލުންނާއި އެޗްޕީއޭއިން ހުއްދަ ލިބޭ މީހުންނަށް އެކަންޏެވެ.

އޮމިކްރޯނާ ދެކޮޅަށް ރާއްޖޭން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ވެކްސިނަށް ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ މަހުން ފެށިގެން ބޫސްޓާ ޑޯޒް ޖަހަން ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.