ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީ ހޯދަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމާއި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނެވެ. މިކަމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނީ މި އެއްބަސްވުމާއެކު ޓެކްސީ ތަކުގެ ޒަރީއާއިން ތިމާވެއްޓަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރެވި، މަގުމަތީގެ ތޮއްޖެހުންވެސް ކުޑަކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

އެ މިނިސްޓްރީ އިން ބުނީ ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީ އަދި ޗާޖިން ސްޓޭޝަން ގާއިމްކުރަން ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށާއި މި އެއްބަސްވުމުގެ ދަށުން އިންޖީނުލީ އުޅަނދުގެ ބަދަލުގައި އިލެކްޓްރިކް ވެހިކަލް ބޭނުންކުރަން ބާރު އެޅުން ހިމެނޭ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އިލެކްޓްރިކް ޓެކްސީތައް ދުއްވަން ފެށުމާއެކު ރައްޔިތުންނަށް ތިމާވެށްޓާ ރައްޓެހި ދަތުރުފަތުރުގެ ހިދުމަތް ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފުލްޓައިމް އަދި ޕާޓް ޓައިމް ވަޒީފާއެއްގެ ގޮތުގައި ޓެކްސީ ކުރެވޭނެ ފުރުސަތާއެކު ސަރުކާރުގެ ޓެކްސީ ލައިން ފަށަން އެމްޓީސީސީއާ މި މަހުގެ 12 ވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ސަރުކާރުން މި ހިދުމަތް ފަށާއިރު، މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެއެވެ. ދެ ވަނަ ފިޔަވަހީގައި 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފް ކުރާން ވަނީ ނިންމާފައެވެ. ތިން ވަނަ ފިޔަވަހީގައި 2028 އާއި 2029 ގައި ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުއްޓަށް އެ ހިދުމަތް ތައާރަފް ކުރަން ވަނީ ރާވާފައެވެ.

ސަރުކާރުން ބުނެފައި ވަނީ، މި ހިދުމަތް އެމްޓީސީސީން ފެށި ނަމަވެސް އާންމު ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކަށް އެއްވެސް ދައްޗެއް އަދި ހުރަހެއްވެސް ނޯންނާނެ ކަމަށާއި އެފަދަ ޓެކްސީ ދުއްވާ ފަރާތްތަކުން، ޕާޓްޓައިމް ވަގުތުގައި ސަރުކާރުގެ ޓެކްސީ ލައިންގައި ހިމެނޭ ޓެކްސީ އެއް ދުއްވިދާނެ ކަމަށެވެ. އޭރުން އިތުރު އާމްދަނީއެއް ލިބޭނެ ކަމަށާއި، ސަރުކާރުގެ ޓެކްސީ ލައިންގެ ސަބަބުން އާންމު ޓެކްސީ ހޯދުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.