އަލަށް ޓެކްސީ ސެންޓަރެއް އުފެއްދުމަށް އޮންނަ އުސޫލަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން ވިދާޅުވީ، އަލަށް ޓެކްސީ ސެންޓަރެއް އުފައްދާ ނަމަ މިހާރު ގަވާއިދުގައިވާ ގޮތުގައި 100 އުޅަނދު އޮންނަން ޖެހޭ ކަމަށެވެ. ގަވާއިދުގައި މި ބުނާ އަދަދު މަދުކޮށް އަލަށް ޓެކްސީ ސެންޓަރު އުފެއްދޭނެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އަމީން ވިދާޅުވިއެވެ.
ނަމަވެސް 100 އުޅަނޑުގެ ބަދަލުގައި އަލަށް އުފައްދާ ޓެކްސީ ސެންޓަރެއްގައި ހުންނަން ޖެހޭނީ ކިތައް އުޅަނދުކަން މިނިސްޓަރު ފާހަގައެއް ނުކުރައްވައެވެ.
މީގެ އިތުރުން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، އެއް ޓެކްސީ ލައިނެއްގެ އިތުރަށް އިތުރު ޓެކްސީ ލައިންތަކުގެ އެއް ފަރާތަކަށް ރަޖިސްޓްރީވުމުގެ ޖާގަ ދިނުމަށް ޓެކްސީ ޑްރައިވަރުން އެދޭ ކަމަށެވެ. ޓެކްސީ ޑްރައިވަރުން އެދޭ މި ކަން ވެސް ވަރަށް އަވަހަށް ނިމިގެން ދާނެ ކަމަށް އަމީން ވިދާޅުވިއެވެ.
100 ޑްރައިވަރުންނާއި 100 ޓެކްސީ އާ އެކު ޓެކްސީ ސެންޓަރު އުފެއްދުމަށް ގަވާއިދު ބަދަލުކޯށް ނެރެފައި ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އޭ ރު އެ ގަވާއިދު ނެރުނު އިރު މާލޭ ސަރަހައްދުގައި 17 ޓެކްސީ ސެންޓަރު ދިޔައި ހިންގަމުންނެވެ. ނަމަވެސް އެ ގަވާއިދަށް އައި ބަދަލާ އެކު ޓެކްސީ ސެންޓަރުތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.