އެއްގަމު އަދި ކަނޑު އުޅަނދުތަކުގެ އަހަރީ ފީ އާއި އެ ފީ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާތައް އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ދެއްކުމަށް އެދި 125 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ލައިސަންސް އާއި ރަޖިސްޓްރޭޝަން އާ ގުޅިގެން ވަރަށް ބޮޑެތި އަދަދުން ޖޫރިމަނާ އަރާފައިވާ ކަމަށާއި މީގެ ތެރޭގައި ގިނައީ ޒުވާނުން ކަމަށެވެ. މި ކަމަށް ހައްލެއް ގެނެސް ދިނުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ގަވާއިދުތަކަކާއި އުސޫލުތަކެއް ގެޒެޓްކޮށްފައި ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއީ ޖޫރިމަނާއަށް އަރާފައިވާ ފައިސާގެ އަދަދު 5000 ރުފިޔާ އިން މައްޗަށް އަރާފައިވާ ފަރާތްތަކަށް ހޯދައިދީފައިވާ ހައްލެއް ކަމަށް އަމީން ވިދާޅުވިއެވެ. އެ ގޮތުން އެއްގަމު އުޅަނދާއި ކަނޑު އުޅަނދު ފަހަރާ ގުޅޭގޮތުން ދައްކަން ޖެހޭ އަހަރީ ފީ އާއި ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކުމުގެ ގަވާއިދުގެ ދަށުން ޓްރާންސްޕޯޓް މިނސްޓްރީއާއެކު ހަދާ އެއްބަސްވުމެއްގެ ދަށުން އެ ފަރާތަކަށް ލުއި ވާނެ ގޮތަކަށް ޖޫރިމަނާ ފައިސާ ބަހާލައިގެން ދެއްކޭނެ ގޮތަށް ވަނީ ހުޅުވާލާފައެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، އޭރު އާންމުކުރި އުސޫލުގެ ތެރެއިން ޖޫރިމަނާ ދެއްކުމަށް ލުއި ހޯދުމަށް 125 ފަރާތަކުން ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން 60 ފަރާތަކާ އެކު އެއްބަސްވުން ހަދާފައިވާ ކަމަށެވެ. އަދި ދެން ހުރި ފަރާތްތަކާ އެކުގައި ވެސް އެއްބަސްވުން ހެދުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބަހާލައިގެން ޖޫރިމަނާގެ ފައިސާ ދައްކަން ކޮމިޓްމަންޓް ފީއެއް ދެއްކަންޖެހެއެވެ. މި ފީ ދައްކަން ލިބޭ 14 ދުވަހުގެ ތެރޭގައި ނުދައްކައިފި ނަމަ، ބަހާލައިގެން ޖޫރިމަނާގެ ފައިސާ ދެއްކުމުގެ ފުރުސަތު ގެއްލޭނެއެވެ. މިނިސްޓްރީއާ އެކު ހަދާ އެއްބަސްވުމުގައި އިންސްޓޯލްމަންޓްގެ ގޮތުގައި ކޮންމެ މަހަކު ދައްކަން ޖެހޭ އަދަދު ކަނޑައަޅަނީ ކޮމިޓްމަންޓް ފީގެ ގޮތުގައި ދެއްކި އަދަދުން އެ ބައި އުނި ކުރުމަށް ފަހުއެވެ.

އެ ގަވާއިދުގައިވާ ގޮތުން އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަސް ތެރޭ ފައިސާ ނުދައްކައިފި ނަމަ، އެއްބަސްވުން ބާތިލް ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.