އެއްގަމު ދަތުރުފަތުރު ކުރާ އުޅަނދުތަކުގެ ލައިސަންސް ދޫކުރުމުގެ ހުއްދަ އިތުރު 24 ފަރާތަކަށް ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވަނީ ޓްރާންސްޕޯތް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އަމީން ވިދާޅުވީ، މި ސަރުކާރުގެ ވިސްނުމަކީ ވެސް ރަށު ކައުންސިލްތަކަށް ލައިސަންސް ދޫކުރުމުގެ ހުއްދަ ދިނުން ކަމަށެވެ.
އެގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު މާލެ އިން ބޭރުން 26 ފަރާތަކަށް މި ހުއްދަ ދީފައިވާ ކަަން މިނިސްޓަރު އަމީން ފާހަގަ ކުރެއްވިއެވެ. މި ވޭތުވެ ދިޔަ 14 މަސް ދުވަހުގެ ތެރޭގައި އިތުރު 24 ފަރާތަކަށް މި ހުއްދަ ޓްރާންސްޕޯޓް މިނިސްޓްރީން ދޫކޮށްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
އެއާއެކު މި ވަގުތު މާލެ އިން ބޭރުން ޖުމްލަ 50 ރަށަކުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ހުއްދަ މިވަނީ ދެވިފައި ކަމަށް އަމީން ވިދާޅުވިއެވެ. ހަމައެއާއެކު ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އިތުރު ފަރާތްތަކަށް ވެސް ހުއްދަ ދޫކުރުމަށް ވިސްނަވާ ކަމަށް އަމީން ވިދާޅުވިއެވެ.
ދޮޅު އަހަރެއްހާ މުއްދަތެއްގެ ތެރޭގައި 24 ރަށަކުން އެއްގަމު އުޅަނދު ދުއްވުމިގެ ލައިސަންސް ދޫކުރުމުގެ ހުއްދަ ދެވިގެން ދިއުމަކީ ރައްޔިތުންނަށް ހޯދައިދެވުނު ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.