މާސްޓާޒް ޑިގްރީގެ އާ ކޯސްތަކެއް ސައިރިކްސް ކޮލެޖުން މިއަދު ތައާރަފު ކޮށްފިއެވެ.

އަންނަ ޖެނުއަރީގައި އެ ކޮލެޖުން ފަށާ ކޯސްތަކަށް ކުރިމަތިލުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ސައިރިކްސް ކޮލެޖުގެ ސީނިއާ ވައިސް ރެކްޓަރު ޑރ. އިބްރާހީމް ވަހީދު ވިދާޅުވީ، އަންނަ މަހު އެކޮލެޖުގެ އަމިއްލަ ދެ ކޯހަކާއެކު، މެލޭޝިއާގެ އެމްއެސްޔޫ ޔުނިވާސިޓީ އާ ގުޅިގެން ދެ މާސްޓާސް ޕްރޮގްރާމެއް ފަށާނެ ކަމަށެވެ.

ސައިރިކްސް ކޮލެޖުން އަލަށް ތައާރަފުކުރި މާސްޓާސް ޑިގްރީގެ ކޯސްތައް:މާސްޓާސް އޮފް އެޑިއުކޭޝަން، ލީޑަޝިޕް އެންޑް މެނޭޖްމެންޓްމާސްޓާސް އޮފް އެޑިއުކޭޝަން، އިނޮވޭޝަން، އެންޑް ޓެކްނޮލޮޖީރިސާޗް މާސްޓާސް އިން ކޮމްޕިއުޓާ ސައިންސްރިސާޗް މާސްޓާސް އިން އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން"އަޅުގަނޑުމެންގެ ބެޗެލާސް ޑިގްރީ ޕްރޮގްރާމްތަކަކީވެސް އަދި މާސްޓާސް ޑިގްރީ ޕްރޮގްރާމްތަކަކީވެސް ވަކިވަކި ދާއިރާތަކުން ސްޕެޝަލައިޒްވެވޭ ޕްރޮގްރާމްތަކެއް."

ކޯސްތަކާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން، ސައިރިކްސް ކޮލެޖުގެ ވައިސް ރެކްޓަރު (އެކަޑެމިކް) އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އެ ކޮލެޖުގެ ކޯސްތައް ފުޅާކުރަމުން ދަނީ ގައުމަށް ބޭނުންވާ ދާއިރާތަކަށް އަދި ބޭނުންތަކަށް ބަލައިގެން ކަމަށެވެ.

ރާއްޖޭގައި ތައުލީމީ ދާއިރާއަށް މީހުން ބޭނުންވެފައިވާކަން ސަރުކާރުންނާއި މަޖިލީހުން ފާހަގަކުރައްވާފައިވާ ކަމަށާއި، އަދި މި ވާހަކަ މަޖިލީހުގައިވެސް ދެކެވި، ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހާއްސަ ޕްރޮގްރާމެއް ހިންގާނެ ކަމަށް ސަރުކާރުން އިއުލާނުކޮށްފައިވާއިރު، މިއީ އެ ބޭނުމަށް ވެދެވޭ އެހީތެރިކަމެއްގެ ގޮތުގައި ދެކޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެއާއެކު ނާޒިމް ވަނީ ސްކޫލްތަކުގައި ޕްރިންސިޕަލުން މަދުކަންވެސް ފާހަގަކުރައްވާފައެވެ.

"އިތުރު އެއްޗެތި އުނގެނި ދަސްކުރެއްވުމާއި އަދި އެބޭފުޅެއްގެ ތައުލީމީ ދާއިރާގެ އެކުރައްވާ މަސައްކަތުގެ ޕާފޯމަންސް ރަނގަޅު ކުރެއްވުމަށްޓަކައިވެސް މި ޕްރޮގްރާމްގެ ބޭނުން ހިއްޕެވޭނެ." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ސައިރިކްސް ކޮލެޖުން ކިޔަވައިދޭ އެހެނިހެން ކޯސްތަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު، އޮންލައިންކޮށް ނުވަތަ އެ ކޮލެޖުގެ ދެ ކެމްޕަސް ކަމަށްވާ މައްޗަންގޯޅި ކެމްޕަހަށާއި ގަލޮޅު ކެމްޕަހަށް ފޯމް ހުށަހަޅައިގެން ކުރިމަތިލެވޭނެ ކަމުގައި އެ ކޮލެޖުން ބުންޏެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތައް ހިންގުމުގައި މަޝްހޫރު ސައިރިކްސް ކޮލެޖުން ސައިކޮލޮޖީ އާއި މަލްޓިމީޑިއާގެ ކޯސްތައްވެސް ހިންގައެވެ.