ސައިރިކްސް ކޮލެޖުގެ ދަރިވަރުންނަށް ކޮލެޖުގެ ކިޔެވުމާ ގުޅޭ ގޮތުން ކުރު ވީޑިއޯއެއް ހަދައިގެން އިނާމު ލިބޭ މުބާރާތެއް ހުޅުވާލައިފިއެވެ.

މި މިބާރާތުގައި ބައިވެރިވެ ވީޑިއޯ ހުށަހެޅޭނެ ތާރީހަކީ މި މަހުގެ 15 އިން 20 އަށެވެ.

ސައިރިކްސް ކޮލެޖުން ބުނީ، މި މުބާރާތަށް ހުށަހަޅަން ޖެހޭނީ ކުރު ވީޑިއޯއެއް ކަަމަށާއި 2 މިނެޓަށް ވުރެ ކުރު ވީޑިއޯ ހުށަހެޅޭނެ ކަމަށެވެ. ހަމައެކަނި އެ ކޮލެޖުގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް ހާއްސަކޮށް ހުޅުވާލި މި މުބާރާތަކީ އެ ކޮލެޖުގައި ތައުލީމް ހާސިލް ކުރުމުގެ ދަތުރު، ނުވަތަ ތަޖުރިބާ ހިއްސާ ކުރެވޭނެ ވީޑިއޯއެއް ކަމަށް އެ ކޮލެޖުން ބުނެއެވެ.

ވީޑިއޯ ހުށަހަޅާ ދަރިވަރުން އެ ކޮލެޖުގެ ސޯޝަލް މީޑިއާގެ ޕްލެޓް ފޯމްތައް ކަމަށް ވާ ޓިކްޓޮކް، ފޭސްބުކް ޓިވިޓާ އަދި އިންސްޓަގްރާމް ފޮލޯ ކުރުމަށް ބުނެފައި ވެއެވެ. ހަމައެއާއެކު ވީޑިއޯ ޕޯސްޓް ކުރާއިރު، އެ ކޮލެޖުގެ އެކައުންޓް ޓެގް ކުރުމަށާއި އަދި ހޭޝްޓެގް "ސައިރިކްސް ކޮލެޖް އެމޭޒިން ސްޓޯރީ ޓައިމް 2023" ބޭނުން ކުރުމަށް ވެސް އެ ކޮލެޖުން ބުނެއެވެ.

ދަރިވަރުން މި މުބާރާތަށް ހުށަހަޅާ ވީޑިއޯ ޕޯސްޓް ކުރުމުގެ ކުރިން މާކެޓިން ޑިޕާޓްމަންޓްގެ މެއިލަށް ވީޑިއޯ ފޮނުވައި އެ ޑިޕާޓްމަންޓްގެ އެޕްރޫވް ހޯދަން ވާނެ ކަމަށް ވެސް އެ ކޮލެޖުން ބުނެއެވެ. މި މުބާރާތުގެ ވަނަވަނައަށް ދާ ދަރިވަރުން އިއުލާން ކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އެ ކޮލެޖުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކަމުން ކަމަށް އެ ކޮލެޖުން ބުނެއެވެ.

މި މުބާރާތުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވަން ހަމަޖެހިފައިވާ އިރު، 1 ވަނަ އަށް ހޮވޭ ދަރިވަރަކަށް 1000 ރުފިޔާ ދޭން ވަނީ ނިންމާފައެވެ. 2 ވަނައަށް ހޮވޭ ދަރުވަރަކަށް 750 ރުފިޔާ އަދި 3 ވަނައަށް ހޮވޭ ދަރިވަރަކަށް 500 ރުފިޔާ ދޭން ވަނީ ނިންމާފައެވެ.