ޅ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިން ކްރާފްޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ ދަތުރުވެރިން ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން އަންގައިފިއެވެ.

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓު ބަންޑުން ޖާހާލީ ޅ.ކުރެންދޫގެ ހުޅަނގު ދެކުނުން 4 މޭލު ބޭރުން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފްއިން ބުނީ އެ އުޅަނދުގައި ހުރި ބައެއް ސާމާނު އިރުމައްޗަށް ވާގޮތަށް އޮޔާދަމުންދާ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވަކިން ހާއްސަ ގޮތެއްގައި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓުން 6 މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ދެ ސިފައިންނާއި ދިވެއްސެއްގެ އިތުރުން ތިން ބިދޭސީންނެވެ.

އެ އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލުނު 2 ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސާ 2 އަލީ ހާމިދު ފެނިފައިވާ އިރު، ގެއްލުނު ބިދޭސީ މީހާ އަދިވެސް ފެނިފައެއް ނުވެއެވެ.

ވޮރަންޓް އޮފިސާ 2 އަލީ ހާމިދު ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމުގައި ހޮސްޕިޓަލާ ހަވާލާދީ އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ. މި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.