ސިވެކްގެ ލޭންޑިން ކްރާފްޓް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ ސިފައިންގެ މީހެއް ކަމަށް، އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި ނިޔާވެފައިވަނީ ވޮރަންޓް އޮފިސަރު 2 އަލީ ހާމިދު ކަމަށެވެ. ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާމިދު ނިޔާވެފައިވާ ކަމަށް ސިފައިން ބުންޏެވެ.

ސިފައިންގެ މީހާ ނިޔާވުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާގެ މެސެޖެއް އެކްސް ގައި ޕޯސްޓް ކުރައްވާފައެވެ.

އެ މެސެޖްގައި ވަނީ؛

"إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މިއަދު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު، މި ދުނިޔެއާއި ވަކިވެގެންދިއުމަކީ އަޅުގަނޑަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެކެވެ. ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތްކުރައްވާފައެވެ. ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީވެސް ޤައުމީ ޚިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ޢާއިލާއާއި މުއައްސަސާއާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، މަރުޙޫމުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލެއްވުމަށާއި ޢާއިލާއަށް ކެތްތެރިކަން އިތުރުކޮއްދެއްވުންއެދި ދުޢާ ކުރަމެވެ."

އެމްއެންޑީއެފުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މި ލޭންޑިން ކްރާފްޓުގައި ދަތުރުކުރީ ސިފައިންގެ 3 މީހަކާއި ބަންގްލަދޭޝްގެ ތިން މީހުންނެވެ. މި ހާދިސާގައި ގެއްލުނު ބަންގްލަދޭޝްގެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މާލޭން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލިކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 10:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.