މީހުން ބިނާކޮށްދޭން ސައިރިކްސް ކޮލެޖާއި ބީސީސީ އާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދު ހެނދުނު ބީސީސީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު ސާމިހް އާދަމެވެ. އަދި ސައިރިކްސް ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ އެކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފެވެ.
ސައިރިކްސް ކޮލެޖުގައި އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ބީސީސިން ފަހި ކޮށްދިނުމާއި އަދި ބީސީސީގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމުތައް ހިންގުން މި އެއްބަސްވުމުގައި ވެއެވެ.
މީގެއިތުރުން ބީސީސީ އަށާއި ސައިރިކްސް ކޮލެޖަށް ބޭނުންވާ ދިރާސީ މަސައްކަތްތައް ދެފަރާތުން ގުޅިގެން ކުރުމަށާއި، އިޖުތިމާއީ ހަރަކާތްތަކާއި މަސައްކަތު ބައްދަލުވުންތައް ބޭއްވުން ވެސް މި އެއްބަސްވުމުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގެ ދަށުން އެކި ކަންކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ސައިރިކްސް ކޮލްޖާއި ބީސީސީ އިން މަސައްކަތް ކުރުންވެސް ހިމެނެއެވެ.