އައިކެއާއާ ގުޅިގެން ސައިރިކްސް ކޮލެޖުގައި އޮޕްތަލްމޮލޮޖީ ކޯސްތައް ފެށުމަށް އެގްރީމެންޓެއްގައި ސޮއިކޮށްފިއެވެ.
މި އެގްރީމެންޓްގެ ދަށުން ސައިރިކްސްގެ ދެ ދަރިވަރުންނަށް އައިކެއާގެ ކްލިނިކްތަކުން އިންޓާންޝިޕްގައި (މަސައްކަތުގެ ތަޖުރިބާ ހޯދަން) ބައިވެރި ވެވޭނެ ކަމަށް ސައިރިކްސް ކޮލެޖުން ބުނެއެވެ.
އެ ކޮލެޖުން ބުނީ ކޮލެޖާއި އައިކެއާ ގުޅިގެން އޮޕްތަލްމޮލޮޖީ (ލޮލުގެ ބަލިތަކާ ގުޅުން ހުރި) ދާއިރާގެ ކޯސްތައް ޑިމްލޮމާ އަދި ޑިގްރީ ފެންވަރަށް ކިޔަވައިދޭނެ ކަމަށެވެ. އަދި ހެލްތް ސެކްޓާ މެނޭޖްމަންޓް ކޯސްތައް ވެސް މި އެގްރީމެންޓްގެ ދަށުން ހިންގަން ފަށާނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.
ކޯސްތައް ފަރުމާކޮށް މި އަހަރު ތެރޭގައި ފެށޭވަރު ވާނެ ކަމަށާއި ކޯސް ކިޔަވައި ނިމުމުން ލައިސަންސް ލިބި، އައިކެއާ އަދި މި ދާއިރާގެ އެހެނިހެން ކްލިނިކްތަކުގައި ދިވެހި ކުދިންނަށް ހިދުމަތް ކުރެވޭނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.
އައިކެއާގެ މެނޭޖިން ޑިރެކްޓަރު ޑރ. އަބްދުﷲ ޒާހިރު ވިދާޅުވީ އައިކެއާ އިން އަބަދުވެސް ބޭނުންވަނީ ދިވެހިންނަށް އިސްކަން ދިނުމަށް ކަމަށެވެ. އެހެންކަމުން ދިވެހި ޑޮކްޓަރުން އިތުރުވާ ވަރަކަށް ބޭރު މީހުން ރީޕްލޭސް ކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޯސް ނިމިގެން އިތުރު ތަޖުރިބާ ހޯދުމަށް ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޓްތާކާއި ކްލިނިކްތަކުން ކުދިންނަށް ފުރުސަތު ހޯދައި ދޭނެ ކަމަށް ވެސް ޒާހިރު ވަނީ ވިދާޅުވެފައެވެ.
އެގްރީމެންޓްގައި އައި ކެއާގެ ފަރާތުން ސޮއި ކުރެއްވީ އައި ކެއާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޒާހިރުއެވެ. އަދި ސައިރިކްސް ކޮލެޖްގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖްގެ ޗެއާމަން އަހްމަދު ޝަރީފްއެވެ.