ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރާނެ ކަމަށާއި ޓާމިނަލުން ދިވެހިވަންތަކަށް ފެންނާން ހުންނާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ ވީއައިއޭގެ އާ ޓާމިނަލް ހުޅުމަށްވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ޝަރީފް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އާ ޓާމިނަލް ހުޅުމުގެ އެންމެފަހުގެ ތައްޔާރީތައް ކަމަށެވެ. އަދި އާ ޓާމިނަލްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ބަލައިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން އާ ޓާމިނަލުގެ މަސައްކަތް ކުރިއަށް ގެންދަނީ ބައިނަލްއަގްވާމީ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ މޮޑާލިސް ކުންފުނީގެ ލަފަޔާ އިރުޝާދުގެ ދަށުންކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި އާ ޓާމިނަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ހިދުމަތްތައް ފުރިހަމަ ތަނެއްކަން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން ޝަރީޕް ދެއްވިއެވެ.

ޝަރީފް ވިދާޅުވީ އާ ޓާމިނަލްގައި ތަފާތު ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރާނެ ކަމަށެވެ. އެއާޕޯޓްގެ އެތެރެ އަދި ބޭރުން ދިވެހިވަންތަ ސިފަތައް ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާ ޓާމިނަލް ތަރައްގީ ކުރަނީ ފަސިންޖަރުންނަށް ފަސޭހަ ކަމާއެކު ހިނގާލައި، ވަގުތު ހޭދަކޮށްލެވޭނެ ޖާގަ ތަނަވަސް ތަނެއްގެ ގޮތުގައި ކަމަށް ވެސް ޝަރީޕް ވިދާޅުވިއެވެ. އަދި އާ ޓާމިނަލް ބޭނުން ކުރަން ފެށުމުން އޭގެ ފަސޭހަތަށް މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް ކުރާނެކަން ޝަރީޕް ވަނީ ފާހަގަކުރައްވާފައެވެ.

ޝަރީފް ވިދާޅުވީ މިހާރު މަސަައްކަތް ކުރަމުން ދަނީ އަދި ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރިއަށް ގެންދާނީ ޓޫރިަޒމް އިންޑަސްޓްރީ، އެއާލައިންތައް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އަދި ކަސްޓަމްސް، އެއާޕޯޓް ރެޕްރެޒެންޓޭޓިވްސް ފަދަ ކަމާ ގުޅުންހުރި ފަރާތްތަކުގެ ލަފަޔާ އިރުޝާދުގެ ދަށުން ކަމަށެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އާ ޓާމިނަލް އަކީ 78 އަކަމީޓަރުގެ ޓަމިނަލަކަށް ވާ އިރު، އެއީ އަހަރެއްގެ މައްޗަށް 7.5 މިލިއަން ދަތުވެރިންނަށް ހިދުމަތް ދެވޭނެ ތަނަވަސް ޓާމިނަލެކެވެ.