ރާއްޖޭގައި ރާވައި ހިންގައި ކުށްތައް މަދުކޮށް މުޖުތަމައުގެ އަމާންކަން ގާއިމު ކުރުމަށްޓަކައި ފުލުހުން އަމަލު ކުރަން ޖެހޭ ގޮތުގެ އާ "ސްޓްރެޓިޖިކް ޕޮލިސީ ރިކުއަމެންޓް" އަކީ ބޮޑު ކުރިއެރުމެއް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެ މުއައްސަސާ އާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގެ މަސައްކަތްތައް ކަނޑައެޅޭ ވަކި ތަރުތީބަކުން ރާވައިގެން ކުރިއަށް ގެންދިއުމުގެ ގޮތުން، ހޯމް މިނިސްޓްރީން އެސްޕީއާރު އެއް ކަނޑައެޅީ މިއަދެވެ.
ސީޕީ ވިދާޅުވީ މީގެ 8 އަހަރު ކުރިން ފުލުހުންގެ ގާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ހިނގިއިރު ހުށަހެޅި ހުށަހެޅުުން 2020 ގައި އެކުލަވާލެވުނު ގާނޫނުގައި ހިމެނި ކަމަށާއި ފުލުހުންގެ ކަންކަމަށް ޒިންމާވާ މިނިސްޓަރުގެ އިރުޝާދުގެ ގޮތުގައި އެކުލަވާލެވުން އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުން އަމަލު ކުރަން ޖެހޭ އާ ސިޔާސަތުގެ ސަބަބުން ފުލުހުން އަމާޒު ހިފަން ސަރުކާރުން އެދޭ މިސްރާބު ސާފުވާނެ ކަމަށެވެ. އަދި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރަށް މަގުފަހިވާނެ ސިޔާސަތެއް ކަމަށް އިމްރާން ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު ބުނި ގޮތުގައި ސްޓްރެޓިޖިކް ޕޮލިސީ ރިކުއަމެންޓް ކަނޑައެޅުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރިއާޔަތް ކުރައްވާފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މިހާރުގެ ހާލަތަށާއި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމަށް މެދުވެރިވަމުން އަންނަ ގޮންޖެހުންތަކަށާއި ރާއްޖޭގެ ކުށުގެ މާހައުލު ބަދަލުވަމުން އަންނަ ގޮތަށެވެ.