މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް އިސްތިއުނާފު ކުރުމުން ކުރިއަށް ދާ ޝަރީއަތުގެ ހުކުމް އަންނަ އަންގާރަ ދުވަހު ކުރާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.
އެގޮތުން ޔާމީނުގެ މައްޗަށް ހުކުމް އިއްވަން ސުޕްރީމް ކޯޓުން ތާވަލު ކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރަށެވެ
ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމުގެ ތުހުމަތުގައި އުފުލި ދައުވާ ސާބިތުކޮށް ފަސް އަހަރުގެ ޖަލު ހުކުމެއް ޔާމީނުގެ މައްޗަށް އިއްވާފައިވަނީ މީގެ ދެ އަހަރު ކުރިން، ނޮވެމްބަރު 28 ގައެވެ.
ޔާމީންގެ މައްޗަށް ހުކުމްކުރުން އަންގާރަ ދުވަހަށް ތާވަލުކޮށްފައިވާއިރު، މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް އުފުލައި، އިއްޔެ ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
މިފަހަރު ޔާމީންގެ މައްޗަށް ދައުވާ ކުރީ ،ޔާމީނާއި ވ. ފެލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމް، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސްގެ މަގާމުގެ ހައިސިއްޔަތުން ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.