ދިވެހި މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުސޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.
މިފަދަ ކޮންމެ މުނާސަބަތެއްގައި ދިވެހި ރައްޔިތުން ގަބޫލު ކުރަންވީ ހަގީގަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެންކަން ރައީސްގެ ހިތާބުގަިއ ފާހަގަކުރެއްވިއެވެ. އެގޮތުން ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم އުފަންވެ ވަޑައިގަތް ބިން ދޫކުރައްވައި، ﷲގެ އަމުރުފުޅާ އެއްގޮތަށް މަދީނާއަށް ހިޖުރަ ކުރެއްވުމަކީ އިސްލާމީ އުންމަތަށް އެތައް ހާސް އިބްރަތެއް ލިބިދޭ ތާރީހީ ހާދިސާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހިޖުރައިގެ ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގަންނަވަން ފެއްޓެވީއްސުރެ ކުރެއްވި ކޮންމެ ކަމަކީ ފަރުދީގޮތުންނާއި ގައުމެއްގެ ނިސްބަތުގައި އަދި އުންމަތުގެ ނަޒަރިއްޔާތުން ބަލާއިރުވެސް ކާމިޔާބު ހާސިލްކުރުމުގައި ހިފަހައްޓަންވީ ހިކްމަތެރި ހަމަތަކެއް ކަމުގައެވެ.
ހިޖުރައިގެ ދަތުރުފުޅަށް ރަސޫލާ ފެއްޓެވި ރޭ، އެކަލޭގެފާނުގެ އެނދުދާންކޮޅުގައި އަލީގެފާނު ބޭއްވެވުމާއި އާއްމުކޮށް މަދީނާގެ ދަތުރަށް މީހުން މިސްރާބު ހިފާ މަގާ ދުރުގައި ހުރި ޘައުރު ފަރުބަދައިގެ ހޮހަޅައިގާ 3 ރޭ މަޑު ކުރެއްވުމާއި ދަތުރުފުޅު ކުރެއްވި މަގުގެ ފިޔަވަޅުތަކާއި ނިޝާންތައް އެހެން ބަޔަކަށް ނުފެންނާނޭހެން ފޮއްސެވުމަށް ސަހާބީ ބޭކަލެއްކަމުގައިވާ އާމިރު ބިން ފުހައިރާއާ ހަވާލުކުރެއްވުމާ، މިކަންކަމުން އަންގައިދެނީ ﷲއަށް ވަކީލު ކުރުމާއެކު، ވާދަވެރީންގެ ކެހިވެރިކަމުން މިންޖު ވެވޭނެ މާއްދީ ސަބަބުތަކުގައި ހިފުމުގެ މުހިންމުކަން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ދަތުރުފުޅު މަތީގައި އުޅުއްވާއިރު، މުޝްރިކުންގެ ހަބަރުތައް ގެނެސްދެއްވުމަށް ޒުވާން ސަހާބީ އަބްދުﷲ ބިން އަބޫބަކުރާ ހަވާލުކުރެއްވުމާއި ފަރިއްކޮޅު ގެނަސްދެއްވުމަށް ހިތްވަރުގަދަ އަންހެން ސަހާބީ އަސްމާ ބިންތު އަބޫބަކުރާ ހަވާލުކުރެއްވިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިކަމުން އިސްލާމީ މުޖުމަތަމަޢުގެ ކާމިޔާބީގައި އަންހެނުންނާއި ޒުވާނުންގެ ދައުރާއި ހިއްސާގެ ބޮޑުކަން އަންގައިދޭ ކަމަށެވެ.
މުސްލިމުން އިތުރު ތަޖުރިބާ ބޭނުންވާ ކަންކަމުގައި އެކަންކަމަށް މޮޅު، އިތުބާރުހުރި ޣައިރު މުސްލިމުންގެ ބޭނުން ހިފުމުގެ މިސާލުވެސް ހިޖުރައިގެ ހާދިސާއިން އެނގިގެންދާ ކަން ރައީސް ފާހަގަކުރެއްވިއެެވެ.
ރައީސް ވިދާޅުވީ ހިޖުރީ އާ އަހަރެއް ފެށިގެން ދިޔަ މިދަނޑިވަޅަކީ، ކެތްތެރިކަމާއެކު ﷲގެ ހަޟްރަތުން ވާގިއެދި، މުސްލިމުންގެ އެއްބައިވަންތަކަމާއި ސަލާމަތަށްޓަކައި ދުއާކުރުން އިތުރު ކުރުމަށް އިސްލާމީ އުންމަތަށް ޖެހިފައިވާ ވަގުތެއް ކަމަށެވެ.
އެގޮތުން ހަނގުރާމައިގެ ނުތަނަވަސް ހާލަތެއް މެދުއިރުމަތީގެ އިސްލާމީ ބައެއް ގައުމުތައް ދާދިފަހުން ތަހައްމަލު ކުރި އިރު، ދިވެހިރައްޔިތުންގެ އިހްލާސްތެރި ދުއާތައް ވަނީ މުސްލިމް އަހުންނާއި އުހްތުންނާ އެކުގައި ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތަށް އެދިވަޑައިގެން، އެ ސަރަހައްދުގެ މުސްލިމް ހުރިހާ ވަތަނަކަށް ސިލްމާއި ރައްކައުތެރިކަން މިންވަރުކޮށްދެއްވުން އަދައި ﷲގެ ހަޟްރަތުގައި ދުޢާ ދެންނެވިކަން އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.
ރައީސްގެ ފޮނުއްވި ހިތާބު ނިންމަވާލައްވާފައި ވަނީ ދުޝްމިނުންގެ ކެހިވެރި ރޭވުންތަކުން އިސްލާމީ އުންމަތް ހިމާޔަތް ކޮށްދެއްވައި މުސްލިމުންނަށް ނަސްރާއި ނަސީބު ދެއްވުމަށާއި ދިވެހި ވަތަން ކީރިތިކަމާއި މޫރިތިކަމުގައި އިސްލާމީ ހިދާޔަތާއި މިނިވަންކަމާއި ތިޔާގިކަމުގައި އަބަދުމެ ލެއްވެވުން އެދި ދުއާ ދަންނަވަމުންނެވެ.