ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އިސްވެ ތިއްބަވާ އުފައްދާފައިވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް 10،000 މެންބަރުން ހަމަވެއްޖެ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްއެންޕީގެ ނައިބު ރައީސް އަދި ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް "ދަ ޕްރެސް" އަށް ވިދާޅުވީ މިހާރުވެސް ދަނީ މެންބަރުން އިތުރުކުރަން މަސައްކަތް ކުރަމުން ކަމަށާއި ރާވާފައި އޮތް ގޮތަށް، ޕާޓީ ރަޖިސްޓްރީ ކުރުމަށް ފަހު 10،000 ހަމަކުރުމަށް ހިފި އަމާޒު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހާސިލު ވެއްޖެ ކަމަށެވެ.

އަޅުގަނޑުމެން ޓާގެޓް ކުރާ ކަމެއް ވިއްޔާ މިދަނީ ރީޗް ވަމުން"
އެމްއެންޕީގެ ނައިބު ރައީސް އަދި ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް

ކުރިއަށް ރާވާފައިވާ ކަންކަމަށް އަލިއަޅުވާލައްވާ ޝަރީފް ވިދާޅުވީ އެންމެ މުހިންމު އެއް ކަމަކީ ޕާޓީގެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުން ކަމަށެވެ. އަދި ދެން ކުރިއަށް ދާނީ ރަށްތަކަށް ޒިޔާރަތްކުރުމުގެ މަސައްކަތްތައް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެމްއެންޕީއަށް 10،000 މެންބަރުން ހަަމަކޮށްފައި ވާއިރު ޝަރީފް ވިދާޅުވީ މާލެ އާއި ރާއްޖެތެރޭގައި ފުޅާކޮށް ޑޯޓުޑޯ ކެމްޕޭން އަދި ޖައްސާފައި ނުވާއިރު 10،000 ހަމަވުމަކީ ރަނގަޅު ފާލެއް ކަމަށެވެ.

10،000 ހަމަވުމާ ގުޅިގެން ޕާޓީގެ ރައީސް ނާޒިމް މިރޭ ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި އެމްއެންޕީގެ މެންބަރުންގެ އަދަދު 10،000 އަށް ވުރެ އިތުރު ކުރުމަށްޓަކާ މަސައްކަތް ކޮށްދެއްވި ޕާޓީގެ ހުރިހާ މެންބަރުންނަށް މަރުހަބާ އާއި ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެމްއެންޕީއަކީ ކުރިމަގު އުޖާލާ ޕާޓީއެއް ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

5000 މެންބަރުން ހަމަކޮށް އެމްއެންޕީ ރަޖިސްޓްރީ ކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ. އެ ދުވަހު ނާޒިމް ވިދާޅުވީ އެ ޕާޓީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން ހަމަކުރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި މިހާރު ވަނީ އެމްއެންޕީ ރަޖިސްޓްރީ ކޮށް އެ ޕާޓީގެ ޕާލިމެންޓް ގްރޫޕްގެ ލީޑަރަކަށް، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، އަދި ނައިބު ލީޑަރަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހަމަޖައްސާފައެވެ.