ރައްޔިތުންގެ މަޖިލީހުން 2022 ވަނަ އަހަރަށް ފާސްކުރި ބަޖެޓަކީ ރާއްޖެ ބަނގުރޫޓު ވުމުގެ ބިރުއޮތް ރައްޔިތުން ނިކަމެތިވެ ދަރީންގެ ދަރީންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިގެންދާނެ ބަޖެޓެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބެނެފިއެވެ.

އެ ބަޖެޓަކީ ވަރަށް ޒިއްމާދާރުކަން ކުޑަ ގޮތަކަށް ރޭވިފައިވާ ބަޖެޓެއް ކަމަށާއި މި ވެރިކަމުގެ 5 އަހަރު ނިމޭއިރު ދިވެހި ދައުލަތުގެ ދަރަނި ހުންނާނީ 100 ބިލިއަން ރުފިޔާއަށް ވުރެ މަތީގަ ކަމަށް އިދިކޮޅުން ބުނެއެވެ.

ފައިސާ ޗާޕްކުރުމަށް ދީފައިވާ މުއްދަތު އިތުރުކުރުމާއި ގުޅޭގޮތުން އިދިކޮޅުން ބުނީ ސަރުކާރުން މިހާ ޒިއްމާދާރުކަން ކުޑަ ގޮތަކަށް ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާ އިގްތިސާދު ފުނޑާލުމަކީ "އަޑި ނޭނގޭ ގޮތަށް ސިއްރުން، އެހުމެއް، ކެހުމެއް ނެތި، ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ މީހަކަށް" ނުވާނެ ކަމަށް ރައްޔިތުންގެ ކުރިމަތީގައި ވައުދުވެ ވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ދޭ ވަރަށް ބޮޑު އަނިޔާއެއްގެ ގޮތުގައި އެ ކޯލިޝަނުން ދެކޭ ކަމަށެވެ.

އިދިކޮޅުން ވަނީ ބަޖެޓްގައިވާ ފައިސާގެ އިސްރާފުގެ ބޮޑުބައެއް ހަރަދު ކުރުމަށް ރާވާފައިވަނީ އެމްޑީޕީގެ ވެރިންނާއި ސިޔާސީ ވަޒީފާތަކާއި މިފަދަ ނާޒުކު ހާލަތެއްގައި އުފައްދަން ނުޖެހޭ ބޮޑެތި ހަރަދު ހިނގާ ސިޔާސީ އަދި ސިޔާސީ ނުފޫޒު ފޯރުވާފަދަ އިދާރާތައް އިތުރުކޮށްގެންކަންވެސް ފާހަގަކޮށްފައެވެ. މީގެ އިތުރަށް ދައުލަތުގެ ކުންފުނިތަކުގެ ހިއްސާ ބޭރު ފަރާތްތަކަށް ވިއްކައިގެން 50 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން ނިންމާފައިވުމަކީ ނުރައްކާތެރި ރޭވުމެއް ކަމުގައި އެ ކޯލިޝަނުން ދެކޭ ކަމަށާއި މިހާރުވެސް ކިޔަވައިދޭ މަދަރުސާތަކާއި ހޮސްޕިޓަލްތަކާއި އަދި ރައްޔިތުންގެ އިމާރާތްތައް މޯގޭޖްކޮށް ލޯނު ނަގަމުންދާއިރު 100 ބިލިއަނަށްވުރެ ދައުލަތުގެ ދަރަނި މައްޗަށް ގޮސްފައިވާ ކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ.

"މިކޯލިޝަންގެ މަޖިލިސް މެމްބަރުންވާނީ ތަކުރާރުކޮށް ފައިސާ ޗާޕު ނުކުރުމަށާއި، މިހާރު އޮތްގޮތަށް މިބަޖެޓް ފާސްނުކުރުމަށާއި، ބަޖެޓުގައިހުރި ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކޮށް، ސިޔާސީ ވަޒީފާތައް މަދުކޮށް، ސަރުކާރުގެ ވެރިންގެ ދަތުރުތަކަށް ކުރާ ޚަރަދުން ބައެއް އުނިކޮށް، ސަރުކާރު ހިންގުމުގެ ހަރަދުތައް ވީހާވެސް ކުޑަކުރެވޭނެ ގޮތަކަށް ބަޖެޓް ބައްޓަންކުރުމަށް ގޮވާލާފައެވެ".
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

އެ ކޯލިޝަނުން އިތުރަށް ބުނީ އެ ކޯލިޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުން ބަޖެޓަށް ވޯޓު ނުދިނީ އެ ދަރަނި ބޮޑު ބަޖެޓު ދަރީންގެ ދަރީންގެ ބޮލުގައި އެޅޭގޮތަށް ފާސްކުރަން ވޯޓު ދިނުމަކީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ ކުރާން ހެޔޮވާވަރުގެ ކަމަކަށް ނުވާތީ ކަމަށެވެ.