ހިޔާ ފްލެޓުތަކުގައި ކުރިއަށް ގެންދާ ސާވޭއަކަށް ބަޔަކު ހުރަސް އަޅައި މާރާމާރީ ހިންގަން އުޅެފިއެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ ސާވޭއަކަށް ހުރަސް އެޅުމުގެ ގޮތުން، މިދިޔަ ހުކުރު ދުވަހު އެސަރަހައްދުން ބަޔަކު ވަނީ މާރާމާރީ ހިންގަން މަސައްކަތް ކޮށްފައި ކަމަށެވެ.

އެޗްޑީސީން ހިޔާ ފްލެޓް ސަރަހައްދުގައި ކުރާ ސާވޭން އެއްކުރާ ބައެއް މައުލޫމާތު:

  • ދިރިއުޅޭ މީހުންގެ މައުލޫމާތު
  • ފްލެޓްތަކުގެ ވަޒަންވެރިން ގަވާއިދުތަކަށް އަހުލުވެރިވެފައިވޭތޯ ބެލުން
  • އެޗްޑީސީން ދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު ވަޒަންކުރުން

އެ ކޯޕަރޭޝަނުން ކުރާ މިފަދަ ސާވޭތަކަކީ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށްވެސް އޭގެ ފައިދާ ކުރާނެ ފަދަ ގޮތަކަށް ކުރިއަށްގެންދާ ސާވޭއެއް ކަމަށް ބުނެ، އެޗްޑީސީން ވަނީ، ސާވޭއަށް ހުރަސް އެޅުން ކުށްވެރިކޮށްފައެވެ.

އަދި ކަމާބެހޭ ފަރާތްތަކަށް މި މައްސަލަ ހުށަހަޅައިގެން، ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ވަނީ، އެ ކޯޕަރޭޝަނުން ހިޔާ ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުންދޭ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.