ހިޔާ ފްލެޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ރާވާ ހިންގުމަށް ބޭނުންވާ ބައެއް މައުލޫމާތު ހޯދުމަށް ފެށި ސާވޭ މިމަހު 27 ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން މި ސާވޭ ފަށާފައި ވަނީ މިމަހު 18 ވަނަ ދުވަހުއެވެ. މީގެ ކުރިން މިސާވޭ މިމަހު 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައި ވީނަމަވެސް ދިމާވި އެކި ސަބަބުތަކާއި ގުޅިގެން ސާވޭ ނިމިފައި ނުވާ ކަމަށް އެޗްޑީސީން ބުނެއެވެެ. އެހެންކަމުން މިމަހު 27 ވަނަ ދުވަހުގެ ނިޔަލަށް މިސާވޭ ކުރިއަށްދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ސާވޭގައި ހިޔާ ފުލެޓާ ގުޅޭ ގަވާއިދުތަކާ މެދު ފުލެޓުގައި ދިރިއުޅޭ ފަރާތްތަކުގެ ހޭލުންތެރިކަން ހުރި މިންވަރު ބެލުމަށާއި އެޗްޑީސީން ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއްކުރުން ވެސް ހިމެނޭ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ސާވޭއަށް މައުލޫމާތު އެއްކުރުމަށް ފުލެޓުތަކަށް ދާ ފަރާތްތައް ތިބޭނީ އެކޯޕަރޭޝަންގެ މުވައްޒަފެއްކަން އެނގޭނެހެން ކާޑު އަޅައިގެން ކަމަށެވެ.

މި ސާވޭއަށް ބޭނުންވާ މައުލޫމާތު ނެގުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 8:00 އާ ދޭތެރޭގައި ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ފުލެޓުގައި ދިރިއުޅޭ ފަރާތެއްގެ މައުލޫމާތު ސާފު ކުރުމަށްޓަކައި ގުޅަން ޖެހިއްޖެ ހާލަތެއްގައި ގުޅާނީ އެކޯޕަރޭޝަންގެ ރަސްމީ ނަންބަރަކުން ކަމަށެވެ.

އެޗްޑީސީން ވަނީ މިކަމުގައި ހުރިހާ ފަރާތްތަކަކުން އެއްބާރުލުން ދިނުމަށް އެދިފައެވެ.