އިނގިރޭސިވިލާތުގައި ފަލަސްތީނުގެ ހަމާސް ޖަމާއަތަށް ތާއިދު ކުރުން މަނާކޮށް، އެފަދަ ކަމެއް ހިންގައިފި ނަމަ 14 އަހަރަށް ޖަލަށް ލުމަށް ނިންމައިފިއެވެ.

އިނގިރޭސިވިލާތުން އެ ޖަމާއަތަކީ ނުރައްކާތެރި ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައި ވާއިރު ހަމާސްއާ ދެކޮޅަށް ގިނަ، ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މި ފިޔަވަޅުތައް އަޅާފައިވާ ކަން ހާމަކޮށް އެގައުމުގެ ހޯމް ސެކެޓްރީ ޕްރިތީ ޕަޓޭލް ވަނީ އެ ޖަމާއަތުން ޒަމާނީ ހަތިޔާރު ހޯދައި، ގަނެ އަދި އެ ބޭނުން ކުރަމުން އަންނަ ކަމަށާ އިތުރު ހަނގުރާމަވެރިން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް އެ ޖަމާއަތުން އަބަދުވެސް ކުރަމުން ދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

މި ސަބަބުތަކަށްޓަކައި އެގައުމުގެ އެއްވެސް ސަރަހައްދެއްގައި އެ ޖަމާއަތާއި ގުޅުންހުރި އެއްވެސް ހަރަކާތެއް މީގެ ފަހުން ހިންގުން މަނާވާނެ ކަމަށާ ސަރުކާރުގެ މި ނިންމުންތައް އެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަދަ ކަންކަމުގައި ހަރަކާތްތެރިވެ، އެ ޖަމާއަތަށް ތާއީދު ކުރުމަތީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށެވެ.

ހަމާސް ޖަމާއަތާ ދެކޮޅަށް ގިނަ ހަރުކަށި ފިޔަވަޅުތަކެއް އަޅާފާއިވާއިރު މި ނިންމުން ނިންމަވާފައިވާ ޕްރިތީ އަކީ އިސްރާއީލާ ގާތްގުޅުންތަކެއް ބާއްވަވާ ބޭފުޅެއް ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ވަނީ ބުނެފައެވެ. އެގައުމުން ހަމާސްއާ ދެކޮޅަށް މި ފިޔަވަޅުތައް އަޅާފައިވާއިރު އެގައުމުގެ އިތުރުން އިސްރާއިލް، އެމެރިކާ އަދި އީޔޫއިން ވެސް އެ ޖަމާއަތާ ދެކޮޅަށް ފިޔަވަޅުތައް އަޅާފައެވެ.

1987 ވަނަ އަހަރު އުފެދިގެން އައި ހަމާސް ޖަމާއަތަކީ އިސްރާއީލުގެ އިސްތިއުމާރީ ދައުލަތް ބަލައިގަތުމަށް ތަކުރާރުކޮށް ދެކޮޅުހަދަމުން އަންނަ، ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރަމުންދާ ޖަމާއަތެކެވެ.