ހިޔާ ފްލެޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ރާވާ ހިންގުމަށް ބޭނުންވާ ބައެއް މައުލޫމާތު ހޯދުމަށް ސާވޭއެއް ހެދުމަށް އެޗްޑީސީން ނިންމާފައިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފުލެޓުގައި ނުރައްކާތެރި ހާދިސާއެއް ހިނގައިފި ހާލަތެއްގައި، ކަމާ ބެހޭ ފަރާތްތަކަށް ކޮންމެހެން އެނގުން މުހިއްމު މައުލޫމާތު އެއްކުރުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ރާވާ ހިންގުމަށް ބޭނުންވާ ބައެއް މައުލޫމާތު ހޯދުމަށް ސާވޭއެއް ހެދުމަށް އެކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.

މި ސާވޭގައި ހިޔާ ފުލެޓާ ގުޅޭ ގަވާއިދުތަކާ މެދު ފުލެޓުގައި ދިރިއުޅޭ ފަރާތްތަކުގެ ހޭލުންތެރިކަން ހުރި މިންވަރު ބެލުމަށާއި އެޗްޑީސީން ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއްކުރުން ވެސް ހިމެނޭ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މިއަދުން ފެށިގެން މިމަހު 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސާވޭއަށް މައުލޫމާތު އެއްކުރުމަށް ފުލެޓުތަކަށް ދާ ފަރާތްތައް ތިބޭނީ އެކޯޕަރޭޝަންގެ މުވައްޒަފެއްކަން އެނގޭނެހެން ކާޑު އަޅައިގެން ކަމަށެވެ.

މި ސާވޭއަށް ބޭނުންވާ މައުލޫމާތު ނެގުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 8:00 އާ ދޭތެރޭގައި ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ފުލެޓުގައި ދިރިއުޅޭ ފަރާތެއްގެ މައުލޫމާތު ސާފު ކުރުމަށްޓަކައި ގުޅަން ޖެހިއްޖެ ހާލަތެއްގައި ގުޅާނީ އެކޯޕަރޭޝަންގެ ރަސްމީ ނަންބަރަކުން ކަމަށެވެ.

އެޗްޑީސީން ވަނީ މިކަމުގައި ހުރިހާ ފަރާތްތަކަކުން އެއްބާރުލުން ދިނުމަށް އެދިފައެވެ.