ކ. ތިލަފުށި ބިންތައް ގަވާއިދާ ހިލާފަށް ބޭނުންކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ތިލަފުށިން އެކި ބޭނުންތަކަށް ބިން ދޫކޮށްފައިވާ ފަރާތްތަކުން އެއްބަސްވުމާ ހިލާފަށް އެކި އެކި ކަންކަން ކުރަމުން ގެންދާތީ އެކަންކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް އެފަރާތްތަކަށް އަންގަމުންދާ ކަމަށެވެ.
ނަމަވެސް ބައެއް ފަރާތްތަކުން އެޗްޑީސީގެ އެންގުންތަކާ ހިލާފަށް އަމަލުކުރަމުން ގެންދާތީ، އާއްމު މަސްލަހަތު ގެއްލި، އެއްފަރާތުން ހިންގާ އަމަލެއްގެ ސަބަބުން އަނެއް ފަރާތުގެ މަސައްކަތަށް ގެއްލުންވެ ނުވަތަ ދަތިވެދާފަދަ އަމަލުތައް ވެސް ހިމެނޭތީ އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް އިލްތިމާސް ކުރަމުން ދާ ކަމަށެވެ.
އެޗްޑީސީން ބުނީ މީގެފަހުން މިފަދަ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާ މެދު ހެދިފައިވާ އެއްބަސްވުމުގެ ތެރެއިން އެކޯޕަރޭޝަނެއް އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.
ތިލަފުށްޓަކީ މިސަރަހައްދުގައި، އެންމެ ފުޅާ ދާއިރާއެއްގައި ސިނާއީ މަސައްކަތް ކުރަމުން ގެންދާ، އަދި ގްރޭޓާ މާލޭއޭރިއާގެ ވިޔަފާރި ހަބެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދާ، ތަފާތު އެތައް ވިޔަފާރިއެއް ހިންގާ ރަށެއް ކަމަށް އެޗްޑީސީން ބުނެއެވެ.
މިގޮތުން މުޅި ރަށުގެ ބިން ވަނީ އެކި އެކި ވިޔަފާރިތަކަށް ކުލީ ބިމުގެ ގޮތުގައި ދޫކުރެވިފައި ކަމާއި މި ބިންތަކަކީ އެތަންތާންގައި ވިޔަފާރިކޮށް އަދި އެވިޔަފާރިތައް ފުޅާކޮށް އެންމެހާއި ފަރާތްތަކަށްވެސް އާމްދަނީ ހޯދުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ އިގްތިސާދަށް އަދި ވިޔަފާރިތަކަށް ވެސް ކުރިއެރުން ގެނެސްދިނުމަށްޓަކައި ގްރޭޓާމާލޭ އޭރިއާގައި ހިންގާ ސިނާއީ މަސައްކަތްތަކަށް ހާއްސަ ކޮށްފައިވާ ރަށެއް ކަމަށް އެޗްޑީސީން ބުނެއެވެ.
އެހެންކަމުން އެޗްޑީސީން ތިލަފުށީގައި ހިނގަމުންދާ އެކި އެކި ސިނާއީ މަސައްކަތް ތަކަށް އެންމެ ފަހި ފުރުސަތުތަކަށް މަގުފަހި ކުރުމުގެ ގޮތުން ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އެންމެންގެ މަސްލަހަތަށްޓަކައި ހިފަހައްޓަންޖެހޭ ބައެއް ކަންކަން ހިފަހައްޓަމުން ގެންދާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ އަމަލުކުރަން ޖެހެނީ، ތިލަފުށިން އެކި ބޭނުންތަކަށް (ވަގުތީ އަދި ދާއިމީ ނަމަވެސް) ބިން ދޫކުރެވެނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ތެރެއިން ކަމާއި މި އެއްބަސްވުމުގައި ދެފަރާތުން ވެސް އަމަލުކުރަންޖެހޭ އަދި ހުރުމަތްތެރިކޮށް ހިތަންޖެހޭ ކަންތައްތަކެއް ހިމަނާފައި ވާނެކަމާއި އަދި އެއްބަސްވުމާއި ހިލާފުވާ ފަރާތްތަކުގެ އެއްބަސްވުންތައް ބާއިލުކުރެވޭނެ ކަމަށް ވެސް މި އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.