ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ބާކީ ޑޭޓާ އަނެއް މަހު ބޭނުން ކުރެވޭ ގޮތަށް "ޑޭޓާ ރޯލްއޯވާ" ގެ ނަމުގައި ހާއްސަ ހިދުމަތެއް ތައާރަފްކޮށްފިއެވެ.

ދިރާގުން ބުނީ ޑޭޓާ ރޯލްއޯވާ ތައާރަފު ކުރުމާއެކު އޮކްޓޯބަރު މަސް ނިމިގެންދިއައިރު ދިރާގު ހޯމްފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ޕެކެޖުގައި ބޭނުން ނުކޮށް ހުރި ހުރިހާ އެލަވަންސެއް ނޮވެމްބަރު މަހުގެ އެލަވަންސްއާއި އެކު ހިމަނާފައިވާނެ ކަމަށެވެ. އަދި ކުރިއަަށް އޮތްތަނުގައިވެސް އެ މަހެއްގައި ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވަންސް ޖެހިގެން އަންނަ މަހުގެ އެލަވެންސްއާއިއެކު ހިމެނިގެންދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

މި ރޯލް އޯވާ ކުރެވޭ ޑޭޓާ ބޭނުންކުރެވޭނީ އެއް މަސްދުވަހުގެ މުއްދަތަށެވެ. މިއީ ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހަރަދަކައިނުލައި އިތުރު ޑޭޓާ ބޭނުންކޮށްލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯވެސްމެއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 65 ރަށެއް ހިމެނެއެވެ.

ދިރާގުން ބުނީ އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ހިދުމަތްތައް ތައާރަފުކުރުން ކަމަށެވެ.