ތަރައްގީގެ މަޝްރޫއުތަކަށް ހަ ބިލިއަން ރުފިޔާ ހިމަނާ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ދައުލަތުން 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ބަޔާން ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، އަންނަ އަހަރަށް ދައުލަތުން ހުށަހަޅާ ބަޖެޓަކީ ފުދުންތެރި ދައުލަތެއް ބިނާކޮށް، ރާއްޖޭގެ އިގްތިސޯދު ފުޅާކޮށް، ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދޭނެ ބަޖެޓެއް ކަމަށެވެ.

އެގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބޭނުންވާ މަޝްރޫއުތަކުގެ 90 ޕަސެންޓަށް ވުރެ ބޮޑުބައެއް ހިމެނޭނެ ކަމަށާއި، އޭގެ ތެރެއިންވެސް 650 އަށް ވުރެ ގިނަ މަޝްރޫއު ނިމިފައިވާއިރު، 500 އާއި ގާތްކުރާ އަދަދަކަށް މަޝްރޫއުތަކުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް، މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 24.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން މިއީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓަކަށްވާއިރު، އުފެއްދުންތެރިކަމުގެ ނިސްބަތުން މިއީ 11.1 ޕަސެންޓުގެ ޑެފިސިޓެކެވެ.

އެއާއެކު، އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމްލަ 13.4 ބިލިއަން ރުފިޔާ ދައުލަތުން ހޯދަން ޖެހެއެވެ. އޭގެ ތެރޭގައި ބަޖެޓް ޑެފިސިޓްގެ ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ އާއި، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި އެހެނިހެން ގޮތްގޮތުން ބޭނުންވާ 805 މިލިއަން ރުފިޔާ ހިމެނެއެވެ.

ބަޖެޓު ފައިނޭންސް ކުރުމަށް ދައުލަތުން ފައިސާ ހޯދަން ރާވާފައިވާ ގޮތްތައް

  • ބޭރަށް ބޮންޑާއި ސުކޫކު ވިއްކައިގެން 200 މިލިއަން ޑޮލަރު
  • ލޯން ޑިސްބާސްމެންޓްގެ ގޮތުގައި 187 މިލިއަން ޑޮލަރު
  • ގްރީން ބޮންޑާއި ބްލޫ ބޮންޑު ވިއްކައިގެން 50 މިލިއަން ޑޮލަރު
  • ބަޖެޓް ސަޕޯޓަށް 50 މިލިއަން ޑޮލަރު
  • ދައުލަތުގެ ކުންފުނިތައް ޕްރައިވެޓް ކޮށްގެން 771 މިލިއަން ރުފިޔާ

ބަޖެޓުގެ ހަރަދުތައް ބެހިގެންވާ ގޮތްތައް

  • ރިކަރަންޓް ހަރަދުގެ ގޮތުގައި 24.8 ބިލިއަން ރުފިޔާ
  • ތަރައްގީ ނުވަތަ ޕީއެސްއައިޕީ މަޝްރޫއުތަކަށް 6.2 ބިލިއަން ރުފިޔާ
  • ދައުލަތުގެ އެހެނިހެން ހަރަދުތަކަށް 5.8 ބިލިއަން ރުފިޔާ
  • ޖުމްލަ 34 ބިލިއަން ރުފިޔާ

މައިގަނޑު ގޮތެއްގައި ބަޖެޓް ބެހިގެންވާ ގޮތްތައް

  • މުވައްޒަފުންނަށް 26 ޕަސެންޓު ހަރަދު
  • އޮފީސް ހިންގުމަށް 12 ޕަސެންޓު ހަރަދު
  • ޕީއެސްއައިޕީއަށް 17 ޕަސެންޓު ހަރަދު
  • ސަރުކާރުންދޭ އެހީތަކާއި ސަބްސިޑީއަށް 13 ޕަސެންޓު

އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވާ ގޮތްތައް

  • ޓެކްސްގެ ގޮތުގައި 15.3 ބިލިއަން ރުފިޔާ
  • ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ހަ ބިލިއަން ރުފިޔާ
  • ހިލޭ އެހީއާއި އެހެނިހެން އާމްދަނީގެ ގޮތުގައި 2.91 ބިލިއަން ރުފިޔާ
  • ޖުމްލަ 24.2 ބިލިއަން ރުފިޔާ