ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިނާޔަތްތައް ހަމަޖައްސާނީ ކޮންޓިންޖެންސީ ބަޖެޓުން ކަމަށާއި، މީގެ ކުރިންވެސް މިގޮތަށް ކުރީގެ ރައީސުންނަށް އިނާޔަތްތައް ދީފައިވާނެ ކަމަށްް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ބުނެ، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް އިއްޔެ ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެން، ޔާމީން ވަނީ މިނިވަންވެވަޑައިގެންފައެވެ. އެއާއެކު، މިހާރު ޔާމީންގެ މައްޗަށް ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައެއް ނުވެއެވެ.

ނަމަވެސް، ޔާމީން އޮންނެވީ ޖަލު ހުކުމެއްގައި ކަމަށްވުމާއެކު، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ފާސްކުރި ބަޖެޓުގައި އެމަނިކުފާނަށް އިނާޔަތްތައް ދިނުމަށް ހިމަނާފައެއް ނުވެއެވެ. އެކަމަކު ރެއިން ފެށިގެން ޔާމީނަށް ސެކިއުރިޓީގެ ހިދުމަތް ވަނީ އަލުން ދޭން ފަށާފައެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު ލަމްއާން ވަހީދު "ދަ ޕްރެސް" އަށް ވިދާޅުވީ ޔާމީންގެ އިނާޔަތްތައް ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސާނެ ކަމަށާއި، މީގެ ކުރިންވެސް އެފަދަ ހާލަތްތައް ދިމާވެފައި ހުރިކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް ޔާމީނަށް ލިބޭ އިނާޔަތްތައް:

  • މާލީ އިނާޔަތް: މަހަކު 75،000ރ
  • ދިރިއުޅުއްވާ ތަނުގެ ހަރަދު: މަހަކު 50،000ރ
  • އޮފީސް ހިންގުމުގެ ހަރަދު: މަހަކު 175،000ރ
  • ބޭސްފަރުވާގެ ހަރަދު: މަހަކު 58،333،33ރ
  • މަހަކަށް ޖެހޭ ޖުމްލަ: 358،333.33ރ

ލަމްއާން ވިދާޅުވީ، އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވިއިރު، އެ ދެބޭފުޅުންނަށްވެސް އެ މުއްދަތުގައި އޭރުގެ ބަޖެޓުގައި އިނާޔަތްތައް ދިނުމަށް ހިމަނާފައިނުވާ ކަމަށެވެ.

"ކޮންޓިންޖެންސީ (ބަޖެޓް) އިން އިތުރުކުރާނީ ހާއްސަ ބަޖެޓަށް އިތުރަށް ބޭނުންވާނަމަ." ލަމްއާން ވިދާޅުވިއެވެ.

ކުރީގެ ރައީސުންގެ ގާނޫނުގައިވާ ގޮތުން، ރައީސްކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެއްޖެ ނަމަ، އެވަގުތުން ފެށިގެން އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިދޭ ރައްކާތެރިކަމާއި އިނާޔަތްތައް މެދުކެނޑޭނެއެވެ. އެހެންކަމުން ޔާމީން ޖަލަށް ވަޑައިގަންނަވަންދެން އެމަނިކުފާނަށް ދައުލަތުން ރައްކާތެރިކަމާއި އިނާޔަތްތައް ދީފައިވެއެވެ.

ޔާމީންގެ މައްޗަށް މިހާރު އެއްވެސް ޖިނާއީ ކުށެއް ސާބިތުވެފައި ނެތް ނަމަވެސް،، ޕީޖީން ވަނީ މީގެ ދުވަސްކޮޅެއް ކުރިން މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް ޔާމީނުގެ މައްޗަށް އުފުލައި، ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ.