ސްރީލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ ހައްސާސީ މަސްރަހު ކޮންޓްރޯލް ކުރުމަށްޓަކާ، އެ ގައުމުގެ އާންމު ހަރަދުތައް ކޮންޓްރޯލް ކުރަން ޖެހޭ ކަމަށް، އެ ގައުމުގެ މިނިސްޓާ އޮފް ފައިނޭންސް އެންޑް ޖަސްޓިސް، އަލީ ސޮބްރީ، ސްރީލަންކާގެ ވަޒީރުންގެ މަޖިލީހަށް ދަންނަވައިފިއެވެ.

އާންމު ހަރަދުތައް ކޮންޓްރޯލް ކުރި ކަމުގައި ވީ ނަމަވެސް، ޒަރޫރީ ހިދުމަތްތަކަށް ކުރާ ހޭދަ ކޮންޓްރޯލް ނުކުރައްވާނެ ކަމަށް ސޮބްރީ ވަނީ އިޝާރާތް ކުރައްވާފައެވެ.

ވީހާވެސް ފައިދާ ބޮޑު ގޮތަކަށް އާންމު ހިދުމަތްތައް ފޯރުކޮށް ދިނުމާއި، އާންމު ކަންކަމަށް ހުރި ފައިސާ، ޒިންމާދާރު އުސޫލެއްގެ ތެރެއިން ހަރަދު ކުރުމަށް، އިހުނަށްވުރެ ބޮޑު އަހައްމިއްޔަތު ކަމެއް ދޭން ޖެހޭ ކަމަށްވެސް ސޮބްރީ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ހާއްސަ ހާލަތުގައި، ދައުލަތުގެ އާމްދަނީ އިތުރު ކުރަން ޖެހިފައި ވާ އިރު، ހަރަދު ކުރާ މިންވަރު ވީހާވެސް މަދު ކުރަން ޖެހޭ ކަމަށާ، އަދި ލިމިޓަކީ ޒަރޫރީ ހިދުމަތްތައް ކަމުގައި ކަނޑައަޅަން ޖެހޭ ކަމަށްވެސް ފައިނޭންސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. ކަން މިހެން އޮތް އިރު ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ވަގުތު ނެގުން އެކަށީގެން ވާ ކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ކަން މިހެން އޮތް އިރު، މި ހަފުތާއަކީ ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް، އިތުބާރު ނެތް ކަމުގެ ވޯޓަކަށް، ގާނޫނު ހަދާ މަޖިލީހުގައި އަހާނެ ކަމަށް، އެ ގައުމުގެ އިދިކޮޅުން އިންޒާރު ކޮށްފައި ވާ ހަފުތާއެވެ. މި ހަފުތާގައި ވަރުގަދަ މަސައްކަތްތަކެއް ކުރާނެ ކަމަށް، އިދިކޮޅުން ވަނީ ބުނެފައެވެ.