މިދިޔަ އޯގަސްޓް މަހު، އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި، ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން، ފުރަތަމަ ފަހަރަށް އެ ގައުމުގެ ބަޖެޓް އާންމު ކޮށްފިއެވެ.

ތަރައްގީގެ މަޝްރޫއުތަކާ، ދަތުރުފަތުރުގެ އުމްރާނީ މަޝްރޫއުތަކަށް އެ ޖަމާއަތުން ހަރަދު ކުރާނެ ގޮތް ބަޖެޓްގައި ފާހަގަ ކޮށްފައި ވީ ނަމަވެސް، ބޭރު އެހީގެ ވާހަކަ ބަޔާން ކޮށްފައެއް ނުވެއެވެ.

ތޯލިބާނުންގެ ފުރަތަމަ އަހަރީ ބަޖެޓް އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ މާޗް 2022 ގައެވެ. މިދިޔަ ބުދަ ދުވަހު ރުހުން ދިން 5.8 މިލިއަން ޑޮލަރުގެ ބަޖެޓަކީ، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހަރަދުތައް ކަވަރު ކުރާނެ ބަޖެޓެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ބަޖެޓްގައި މުޅިންހެންވެސް އޮތީ ސަރުކާރުގެ މުއައްސަސާތަކަށް ފަންޑު ކުރުން ކަމަށް މައުލޫމާތު ލިބެއެވެ.

އަފްގާނިސްތާނުގައި ތޯލިބާނުން ހިންގާ މާލީ ވުޒާރާގެ ތަރުޖަމާނު އަހުމަދި ވާލީ ހަގުމާލް ވަނީ، މިއި ފާއިތުވީ 20 އަހަރު ދުވަހުގެ ތެރޭގައި، ބޭރުގެ އެހީއަށް ބަރޯސާ ނުވެ، އެކުލަވާލި ފުރަތަމަ ބަޖެޓްކަން ފާހަގަ ކޮށްފައެވެ. އަދި މިއީ ތޯލިބާނުންނަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށްވެސް އޭނާ ވަނީ ސިފަ ކޮށްފައެވެ.

ހަގުމާލް ބުނާ ގޮތުގައި ދައުލަތުގެ އެކި ވަޒީފާތަކުގައި ތިބި މީހުންނަށް، މިމަސް ނިމޭއިރު މުސާރަ ލިބެން ފަށާނެއެވެ. އަފްގާނިސްތާނުގެ ގިނަ މަސައްކަތްތެރިންތަކަކަށް މުސާރަ ނުދޭ މައްސަލައިގެ އަޑުތައް ވަނީ ގަދަވެފައެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލާ ތޯލިބާނުން ހަވާލުވިއިރުވެސް ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ އިގުތިސޯދީ އަދި މާލީ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައެވެ. ތޯލިބާނުންގެ ވެރިކަން ފެށުމާއެކު ބައިނަލްއަގުވާމީ ގިނަ ޑޯނަރުންތަކެއް ވަނީ އަފްގާނިސްތާނަށް ދެމުން ދިޔަ އެހީ މެދުކަނޑާ، އަފްގާނިސްތާނުގެ އެސެޓްތައް ފްރީޒްކޮށްފައެވެ.