2023 އަށް އަންދާޒާ ކުރި އަދަދު ހޯދޭނެ ކަމަށް ސަރުކާރުން ލަފާ ކުރަނީ އިތުރަށް ކޮން މަސައްކަތެއް ކޮށްގެންތޯ ރައްޔިތުން މިއަދު ސުވާލު އުފައްދާ ކަމަށް އެމްއާރްއެމް އިން ބުނެފިއެވެ.
ބަޖެޓާ ގުޅިގެން އެމްއާރްއެމް އިން ބުނީ ސަޕްލިމަންޓަރީ ބަޖެޓަކީ ވަކިން ހުށަހަޅައި ފާސްކޮށްގެން ހަރަދުކުރަން ޖެހޭ ބަޖެޓެއް ކަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް ފާއިތުވި އަހަރުތަކާއި ކުރިއަތް އޮތް 2023 ވަނަ އަހަރުވެސް ހުށަހަޅާފައިވާ ބަޖެޓުގެ ތެރޭގައި ސަޕްލިމެންްޓްރީ ބަޖެޓު ހިމަނާފައިވާ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރުމުގެ ބަދަލުގައި ސަޕްލިމަންޓްރީ ބަޖެޓް ދުރާލާ ކުރިން ހުށަހަޅައި ފާސްކޮށްގެން ހަރަދުކުރުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ދެކޭ ކަމަށް އެ ޕާޓީއިން ބުނެއެވެ.
އެމްއާރްއެމް އިން ބުނީ ފާއިތުވި އަހަރުތަކުގައި ރައްޔިތުން މަޖިލީހުން ފާސްކުރާ ބަޖެޓާއި އަދި ރިވައިސް ކޮށްގެން ފާސްކުރާ ބަޖެޓާއި އަހަރު ނިމޭއިރު ކޮށްފައި ހުންނަ ހަރަދުތަކާ ދިމާނުވާ ކަމަށާއި އެގޮތުން 2010، 2011، 2013، 2016 އަދި 2020 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އަދަދަށްވުރެ އިތުރަށް ހަރަދުކޮށްފައި ވާ ކަމަށެވެ.
2007 ވަނަ އަހަރުން 2022 ވަނަ އަހަރަށް ސަރުކާރުގެ ރިކަރަންޓް ހަރަދު ހުރިގޮތަށް ބަލާކަމުގައިވާނަމަ ބަޖެޓުކުރި މިންވަރާއި އަސްލު ކުރެވޭ ހޭދައިގެ ތަފާތު އެވްރެޖުކޮށް 4.2 ބިލިއަން ރުފިޔާ ހުރި ކަމަށް އެމްއެމްއޭއިން އަންދާޒާ ކޮށަފައިވާ ކަމަށާއި މި އަަހަރު ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓުގައި 5.8 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު އެ ހަރަދުތަކުގެ އެކަށީގެންވާ މިންވަރަށް ތަފްސީލު ދެއްވައިފާ ނުވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް އެމްއާރްއެމް އިން ފާހަގަކުރެއެވެ.
އެމްއާރްއެމް އިން ވަނީ 2023 ވަނަ އަހަރުގައި ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ 2.5 ބިލިއަން ރުފިޔާ ލިބުމަށް ހުރަސްތަކެއް ހުރި ކަމަށް އެމްއެމްއޭ އަދި އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކުރާ އިރު އޭގެ ތެރެއިން 1.5 ބިލިއަން ނުވަތަ 100 މިލިއަން ޑޮލަރަކީ އޭގެ ވަކި ސޯސްއެއް އެއިޑެންޓިފައި ކޮށްފައި ނެތް ކަމާއި އެއީ ކޮން ގޮތަކުން ލިބޭނެ އެއްޗެއްކަން ބަޔާންކޮށްފައި ބަޖެޓު ފޮތުގައި ނެތް ކަންވެސް ފާހަގަކޮށްފައެވެ.
ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމަށް ބޭރުގެ ފަރާތްތަކުން ލޯނު އަދި ބޮންޑުގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވީ ނަމަވެސް އެމްއެމްއޭއިން ފާހަގަކޮށްފައި ވާ ގޮތަށް ފާއިތުވި 6 އަހަރުވެސް ލިބިފައިވަނީ އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ އެވްރެޖްކޮށް 2.1 ބިލިއަން ރުފިޔާ ދަށް އަދަދެއް ކަމަށްވެސް އެމްއާރްއެމްއިން ބުނެއެވެ.
އެމްއާރްއެމްއިން ބުނީ މާލީ އިދާރާތަކުން ލަފާ ދެއްވާފައިވާ ގޮތަށް ދައުލަތުގެ ހަރަދުތައް ކުޑަކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކޭ ކަމަށާއި ސަބްސިޑީގެ ގޮތުގައި ދޭ ފައިސާ، ޓާގެޓް ސަބްސިޑީސްއަށް ބަދަލުކޮށް ޓާގެޓް ސަބްސިޑީ ދޭނެ ގޮތެއް ރޭވުމަކީ ހަރަދުކުޑަ ކުރުމަށް ކުރެވިދާނެ މުހިއްމު ކަމެއް ކަމަށެވެ. އަދި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުން ނިކަމެތި ރައްޔިތުންނަށް ލިބޭ އާމްދަނީ އިން ބޮޑު ބައެއް ދައުލަތަށް ދައްކަން ޖެހުމަކީ ރައްޔިތުން އިތުރަށް ނިކަމެތިވެ ފަގީރު ވެގެން ދާނެ ކަމެއް ކަމަށްވެސް އެމްއާރްއެމް އިން ބުނެއެވެ.